ބީއެމްއެލްގެ އެފޯޑަބަލް ހައުސިން މަޝްރޫގެ ދަށުން އިތުރު 540 ހައުސިން ޔުނިޓް ގާއިމްކުރުމަށް ނިންމާފައިވާކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ސީއީއޯ މިފަދައިން ވިދާޅުވީ ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، ހުޅުމާލޭގައި އިމާރާތްކުރާ 364 ހައުސިން ޔުނިޓްގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސީއީއޯ ވިދާޅުވީ، "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތަކީ ރައްޔިތުންގެ ހާލަތަށް ރިއާޔަތްކޮށް ދިވެހި ކޮންމެ އާއިލާއަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށް ދެއްވުމުގެ މަގްސަދުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު އިސްނަންގަވައިގެން ފެއްޓެވި ގައުމީ މަޝްރޫއެއް ކަމަށެވެ.
ޝަރީފް ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ ހުރިހާ އެފޯޑަބަލް ހައުސިން ޔުނިޓުތަކުގެ އަމަލީ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށެވެ. އަދި ބޯހިޔާވަހިކަމުގެ ހާލަތަށް ރިއާޔަތްކޮށް ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގެ ދަށުން އިތުރު ހައުސިން ޔުނިޓްތަކެއް އެޅުމަށް ނިންމާފައިވާ ކަމަށްވެސް ސީއީއޯ ޝަރީފް ވިދާޅުވިއެވެ.
އެމްއެމްއޭއިން އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންއަށް ކަނޑައަޅާފައިވާ ގަވާއިދުތައް ފާހަގަ ކުރައްވާ ސީއީއޯ ވިދާޅުވީ، އެގޮތުގެ ތެރެއިން، ބީއެމްއެލް އެފޯޑަބަލް ހޯމް ލީޒިން ކުންފުނިން އިމާރާތްކުރާ ޔުނިޓްތަކަށް، މޯލްޑިވްސް އިސްލާމިކް ބޭންކުގެ ކަސްޓަމަރުންނަށް، މި ސްކީމްގައި ކަނޑައެޅިފައިވާ ހެޔޮ އަގުގައި ފައިނޭންސް ހަމަޖައްސައިދޭނެ ކަމަށެވެ. އަދި އުއްމީދަކީ ކުރިއަށް އޮތްތާނުގައިވެސް، އެހެން ބެންކުތަކުންވެސް އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ ސްކީމްގައި ބައިވެރިވުން ކަމަށް ވެސް ސިއީއޯ ވިދާޅުވިއެވެ.
ސިއީއޯ އިތުރަށް ވިދާޅުވީ، އިމާރާތްކުރުމުގެ ދާއިރާއަކީ ރާއްޖޭގެ ޖީޑީޕީއަށް ދެވަނައަށް އެންމެ ބޮޑު ހިއްސާ އަދާކުރާ ދާއިރާކަމަށާއި، ދެ އަހަރާއި ބައިގެ މުއްދަތެއްގެ ތެރޭގައި ގާއިމްކުރާ 3800 ހައުސިންގ ޔުނިޓަށް ގާތްގަނޑަކަށް 5.7 ބިލިޔަން ރުފިޔާ އިންވެސްޓްކުރެވޭނެ ކަމަށެވެ.
އަދި އަންދާޒާއަކީ މި އިންވެސްޓްމަންޓާއެކު، އިމާރާތްކުރުމުގެ ދާއިރާއިން ނޮމިނަލް ޖީޑީޕީ އަށް %3 ކުރިއެރުމެއް ލިބޭނެ ކަމަށް ވެސް ސީއީއޯ ވިދާޅުވިއެވެ.