މިހާރު މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ އެންމެ ބޮޑު ކުންފުންޏަކީ ބީއެމްއެލް ކަމަށް ސްޓޮކް އެކްސްޗޭންޖުން ބުނެފިއެވެ.
އެމްއެސްއީ އިން ބުނީ، މި މަހުގެ 27ވަނަ ދުވަހާ ހަމައަށް، ލިސްޓުކޮށްފައިވާ ހުރިހާ ސެކިއުރިޓީޒުތަކެއްގެ މާކެޓް ކެޕިޓަލައިޒޭޝަން ހުރީ ގާތްގަނޑަކަށް 33 ބިލިޔަން ރުފިޔާގައި ކަމަށެވެ. ނަމަވެސް، ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންނަށް ބޯނަސް ހިއްސާ ދޫކުރުމަށާއި، ޝެއާ ސްޕްލިޓް ކުރަން (ހިއްސާ ބައިކުރަން) ފާސްކުރުމާއެކު، މާކެޓު ކެޕިޓަލައިޒޭޝަން 62 ބިލިޔަން ރުފިޔާއަށް އުފުލިފައިވާ ކަމަށެވެ.
އެ ކުންފުނިން ބުނީ، މިމަހުގެ 27 ވަނަ ދުވަހު ބީއެމްއެލްގެ މާކެޓު ކެޕިޓަލައިޒޭޝަން 3.6 ބިލިޔަން ރުފިޔާގައި ހުރިއިރު، އިއްޔެއާ ހަމައަށް މި އަދަދު 31.97 ބިލިޔަން ރުފިޔާއަށް އަރާފައިވާ ކަމަށާއި، މިއާއެކު މިހާރު މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ އެންމެ ބޮޑު ކުންފުންޏަށް ބީއެމްއެލް ވެފައިވާ ކަމަށެވެ.
އެ ކުންފުނިން ބުނީ، މާކެޓަށް އައި މި ބަދަލު އެންމެ ބޮޑަށް ގުޅިފައިވަނީ ބީއެމްއެލްގެ ހިއްސާ ގަނެވިއްކުމަށް މަގުފަހިވެ، ލިކުއިޑިޓީ އިތުރުވުމުން ކަމަށެވެ. އެގޮތުން މިދިޔަ އަހަރު ބީއެމްއެލްގެ މޫނުމަތީ އަގުގެ 50 ރުފިޔާގެ ހިއްސާއެއްގެ މާކެޓު އަގު ހުރީ، އެވްރެޖުކޮށް ގާތްގަނޑަކަށް 800 ރުފިޔާގައި ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
އެހެން ނަމަވެސް، ބޯނަސް އިޝޫއާއި ޝެއާ ސްޕްލިޓަށްފަހު، ފަސް ރުފިޔާގެ މޫނުމަތީ އަގުގެ ހިއްސާއެއްގެ މާކެޓު އަގު މިހާރު ވަނީ، ގާތްގަނޑަކަށް 200 ރުފިޔާއަށް ތިރިވެފައެވެ. މިއީ، ނިސްބަތުން މިނިންމުމުގެ ކުރިން ގަނެވިއްކުމުގެ މުއާމަލާތްތަކުގެ އަގަށް ބަލއިފިނަމަ ގާތްގަނޑަކަށް 650 އިންސައްތައިގެ މާކެޓު އަގުގެ ކުރިއެރުމެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އެ ކުންފުނިން ބުނީ، މި ބަދަލުގެ ސަބަބުން ވަގުތުން ދެ ނަތީޖާއެއް ފެނިގެންދިޔަ ކަމަށެވެ. އެގޮތުން މިހާރު ތިބި ހިއްސާދާރުން މާކެޓުގައި ހަރަކާތްތެރިވުމަށް ހިތްވަރު ލިބި، ހިއްސާ ވިއްކުމުގެ ހަރަކާތްތައް އިތުރުވެފައިވާއިރު، އައު އިންވެސްޓަރުންނަށް، ހާއްސަކޮށް ޒުވާނުންނަށް، މާކެޓަށް ވަނުމަށް އޮތް ހުރަސްތައް ކުޑަވެ، ގިނަ ބަޔަކަށް މާކެޓުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވުނު ކަމަށް އެ ކުންފުނިން ބުނެއެވެ.
މި ކުރިއެރުމާ ގުޅޭގޮތުން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖު ގްރޫޕުގެ ސީއީއޯ މުހައްމަދު އައުޝން ލަތީފް ވިދާޅުވީ، ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި ނިންމުމުގެ ސަބަބުން ދިގު މުއްދަތަކަށް އިންވެސްޓްކޮށްފައި ތިބި ހިއްސާދާރުންނަށް ބޮޑު ފައިދާއެއް ލިބޭނެ ކަމަށެވެ.
މީގެ އިތުރުން ސޯއީއޯ ވިދާޅުވީ، މި ކުރިއެރުމުން ހާމަވަނީ ކެޕިޓަލް މާކެޓު ތަރައްގީ ކުރުމުގެ މުހިންމު މަގުސަދު ކަމަށާއި، މީގެ ސަބަބުން މިހާރު ތިބި ހިއްސާދާރުންނަށް ފައިދާ ހޯދައިދިނުމާއެކު، އައު އިންވެސްޓަރުންނަށް ފަސޭހައިން ބައިވެރިވެވޭނެ ފަދަ، ހުރިހާ އެންމެން ޝާމިލުވާ އިންވެސްޓްމަންޓް މާހައުލެއް ގާއިމުކުރުމަށް މަގު ފަހިކޮށްދޭނެ ކަމަށެވެ.
އެމްއެސްއީއިން ބުނީ، ބީއެމްއެލްގެ މި ނިންމުމަކީ ކެޕިޓަލް ރީސްޓްރަކްޗަރިން މެދުވެރިކޮށް ކުރިއަރަމުން އަންނަ މާކެޓުތަކުގައި ލިކުއިޑިޓީ އިތުރު ކުރެވިދާނެ ގޮތުގެ ސާފު މިސާލެއް ކަމަަށެވެ. އަދި މާކެޓުގައި ގަނެވިއްކޭ ހިއްސާގެ އަދަދު އިތުރުކޮށް، ހިއްސާއެއްގެ އަގު ހެޔޮ ކުރުމުން، ސެކަންޑަރީ މާކެޓު އިތުރަށް ހަރަކާތްތެރިވުމަށް މަގުފަހިވެފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
މިއީ ލިސްޓުކޮށްފައިވާ އެހެން ކުންފުނިތަކަށްވެސް ލިބުނު މުހިންމު ސިގްނަލެއް ކަމަށްވެސް އެ ކުންފުނިން ފާހަގަކުރެއެވެ. އެގޮތުން މިހާރު ޕްރައިސް-ޓު-ބުކް ރޭޝިއޯ ގާތްގަނޑަކަށް 0.66 ގައި ހުރި އަދި ގާތްގަނޑަކަށް %4 ގެ ޑިވިޑެންޑް ޔީލްޑެއް ލިބޭ އެސްޓީއޯ ފަދަ ކުންފުނިތަކަށްވެސް މިފަދަ ފިޔަވަޅުތަކެއް އެޅުމުން ފައިދާ ކުރާނެއެވެ. އަދި ދޫކޮށްފައިވާ ހިއްސާގެ އަދަދު ނިސްބަތުން މަދު އެސްޓީއޯއަށްވެސް، ރަނގަޅަށް ރޭވިފައިވާ ޝެއަރ ސްޕްލިޓެއް މެދުވެރިކޮށް ލިކުއިޑިޓީ އިތުރުކޮށް، އިންވެސްޓަރުންގެ ބައިވެރިވުން އިތުރު ކުރުމުގެ ފުރުސަތު ފަހިވާނެ ކަމަށް އެސްއެމްއީއިން ވިދާޅުވެއެވެ.
މީގެ އިތުރުން އެ ކުންފުނިން ބުނީ، ބީއެމްއެލް އޭޖީއެމްއަށްފަހު މާކެޓުގެ ތަފާސްހިސާބުތަކުން ފެނުނީ ރާއްޖޭގެ ކެޕިޓަލް މާކެޓަށް އައި މުހިންމު ބަދަލު ކަމަށެވެ. އަދި މާކެޓު ކެޕިޓަލައިޒޭޝަނަށް އައި ބޮޑު ކުރިއެރުމާއި، އިންވެސްޓަރުންގެ ބައިވެރިވުން އިތުރުވުމަކީ، ހަރުދަނާ ކަމާއެކު ތަންފީޒު ކުރާ ކޯޕަރޭޓް ނިންމުންތަކުގެ ސަބަބުން މާކެޓަށް އަތުވެދާނެ ބޮޑު ބަދަލުތަކުގެ ހެއްކެއް ކަމަށް އެ ކުންފުނިން ބުނެއެވެ.
އަދި މިއީ ރާއްޖޭގެ މާކެޓުގައި ހިއްސާ ގަނެވިއްކުމުގެ ފުރުސަތުތަކާއި، އިންވެސްޓަރުންގެ ޝައުގުވެރިކަން އިތުރު ކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއް ކަމަށް ވެސް އެ ކުންފުނިން ފާހަގަކުރެއެވެ.