އިނގިރޭސިވިލާތުގެ މަތީ ތަޢުލީމުގެ ފެންވަރު ކަށަވަރުކޮށްދޭ މިނިވަން އިދާރާ، ކޮލިޓީ އެޝުއަރެންސް އެޖެންސީ ފޯ ހަޔަރ އެޑިއުކޭޝަނުން ދޭ "އިންޓަނޭޝަނަލް ކޮލިޓީ އެކްރެޑިޓޭޝަން"ގެ މިޑް ސައިކަލް ރިވިއު އެމްއެންޔޫއިން ފުރިހަމަކޮށްފިއެވެ.
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ.ޝެހެނާޒް އާދަމް ވިދާޅުވީ، އެމްއެންޔޫގައި ކިޔަވައިދިނުމުގައި އެންމެ ބޮޑު އިސްކަމެއްދެނީ ފެންވަރު ހިފެހެއްޓުމަށް ކަމަށެވެ.
ޝެހެނާޒް ވިދާލުވީ، ދިިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ކިޔަވައިދިނުމާއި، އުނގެނުމާއި އަދި ދިރާސާ ކުރުމުގެ ހުރިހާ ދާއިރާއަކުންވެސް އެންމެ ބޮޑު އިސްކަމެއްދެނީ ފެންވަރު ހިފެހެއްޓުމަށް ކަމަށެވެ.
QAA އިން ލިބުނު އެކްރެޑިޓޭޝަންއަކީ، އެމް.އެން.ޔޫގެ ސްޓްރެޓީޖިކް ޕްލޭން 2026-2030ގައިވެސް ކަނޑައަޅާފައިވާ ފަދައިން، ހަމައެކަނި ތައުލީމީ ގޮތުން ގާބިލު ބައެއްގެ ބަދަލުގައި، މުޖުތަމައަށް ބޭނުންވާ ހުނަރާއި، އަގުތަކާއި، އަދި ސިފަތައް ލިބިފައިވާ 'ފެންވަރު ރަނގަޅު ބަދަލުތަކެއް ގެނައުމަށާއި ގައުމު ބިނާކުރުމުގައި ހަރަކާތްތެރި މީހުން ބިނާކުރުމަށް ކުރާ މަސައްކަތަށް ލިބުނު އިތުރު ބާރެއް ކަމަށް ވެސް ޝެހެނާޒް ވިދާޅުވިއެވެ.
އެމްއެންޔޫއިން ހާސިލްކުރި މި އެކްރެޑިޓޭޝަނަކީ، ފަސް އަހަރުގެ މުއްދަތަކަށް ދޭ އެކްރެޑިޓޭޝަނެކެވެ. ނަމަވެސް، އެ މުއްދަތުގެ މެދުތެރެއިން ކުރިއަށްގެންދާ "މިޑް ސައިކަލް ރިވިއު"އަކުން ފާސްވާން ޖެހޭނެއެވެ.
މި ރިވިއުއިން ފާސްވުމާ ގުޅިގެން އެމްއެންޔޫގެ ބައިނަލްއަގްވާމީ އެކްރެޑިޓޭޝަންގެ މުއްދަތު މިހާރުވަނީ، 2028ވަނަ އަހަރުގެ އޮކްޓޯބަރުގެ ނިޔަލަށް އިތުރުކޮށްފައެވެ.
އެމްއެންޔޫއިން ބުނީ ދުނިޔޭގެ ފެންވަރުގައި ބަލައިގަންނަ މި ޝަރަފުވެރި އެކްރެޑިޓޭޝަން ދެމެހެއްޓުމާއެކު، ދުނިޔޭގެ ފެންވަރުގެ ތަޢުލީމު ފޯރުކޮށްދިނުމަށާއި، ރާއްޖެއާއި ރާއްޖޭއިން ބޭރުގައި ތަޢުލީމީ ފެންވަރުގެ ގޮތުން ކުރީ ސަފުގައި ހިމެނޭ ތައުލީމީ މުވައްސަސާއެއްގެ ގޮތުގައި އޮތް މަޤާމު އެމް.އެން.ޔޫ އިން ދެމެހެއްޓުމަކީ އެ ޔުނިވާސިޓީގެ އަމާޒުކަމަށެވެ.
މި ކާމިޔާބީއާއެކު، ކިއު.އޭ.އޭ ކޮމިއުނިޓީގެ ފުރިހަމަ ބައިނަލްއަގުވާމީ މެންބަރުކަންވެސް އެމް.އެން.ޔޫއަށް ވަނީ ލިބިފައެވެ. މިކަމާ ގުޅޭ ތަފްސީލީ ރިޕޯޓު ކިއު.އޭ.އޭ ގެ ވެބްސައިޓުންނާއި އެމް.އެން.ޔޫގެ ވެބްސައިޓުން މިހާރު ފެންނަން ހުންނާނޭކަމަށް އެމްއެންޔޫއިން ބުނެއެވެ.