އިސްރަށްވެހިންނަށް ޚާއްޞަ ކޮށްގެން ޞިއްޙީ އަދި އިޖުތިމާޢީ ރައްކާތެރިކަން ހަރުދަނާ ކުރުމަށް ޚާއްޞަ ސިމްޕޯސިއަމްއެއް ފަށައިފިއެވެ.

މި ސިމްޕޯސިއަމް ކުރިއަށްދާނީ، މިއަދާއި މާދަމާއެވެ.

ދެދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ސިމްޕޯޒިއަމްގައި ކަމާ ގުޅުންހުރި އެކި ފަރާތްތަކާއެކު މުހިންމު މަޝްވަރާތަކެއް ކުރެވިގެންދާނެ ކަމަށް ޞިއްޙީ ވުޒާރާއިން ވަނީ ބުނެފައެވެ. އެގޮތުން، ތަފާތު ޖަމްޢިއްޔާތަކާއި، ޔޫއެން އެޖެންސީތަކާއި، ޞިއްޙީ ވުޒާރާއާއި، އިޖުތިމާޢީ ވުޒާރާގެ އިތުރުންވެސް ކަމާއި ގުޅުންހުރި ހުރިހާ ސްޓޭކް ހޯލްޑަރުންނާއެކު މަޝްވަރާ ކުރެވޭނެ ކަމަށް ވަނީ ބުނެފައެވެ.

މި ސިމްޕޯޒިއަމްއާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްކަވަމުން ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސަރވިސް ޑރ.އަޙްމަދު އަޝްރަފް ވިދާޅުވީ، އުމުރުން ދުވަސްވީ މީހުން ރަނގަޅު ސިއްޙަތެއްގައި ހުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މި ސިމްޕޯޒިއަމްގެ ތެރެއިން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެވިގެންދާނެ ކަމަށެވެ.

މި ސިމްޕޯޒިއަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވަނީ، ކުރިއަށް އޮތް 10 އަހަރުގެ ޑިމެންޝިއާ އެކްޝަން ޕްލޭން އިފްތިތާޙްކޮށްފައެވެ.

2020ވަނަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ އާބާދީ ދަނީ އުމުރުން ދުވަސްވީ އާބާދީއާ ދިމާލަށެވެ. ވުމާއެކު ރާއްޖެއިން ފޯރުކޮށްދެވޭ ސިއްޙީ ޚިދުމަތްތަކާއި، ވަކިން ޚާއްޞަކޮށް އުމުރުން ދުވަސްވީ މީހުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ހަރުދަނާ ކުރުމަށް ސަރުކާރުން ދަނީ، ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.