ބަނގުރާ ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ހައްޔަރުކުރި ދެ ބިދޭސީން ޑީޕޯޓުކުރަން އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރު ޑީޕޯޓުކުރަން ހަވާލު ކުރީ ބަންގްލަދޭޝްއަށް ނިސްބަތްވާ ދެމީހުން ކަމަށްވާ، ޖާހިރު ހޮސައިން (33އ) އާއި ސޮޖަން ސުލްތާން (36އ) އެވެ.
ފުލުހުން ބުނީ އެ ދެމީހުން ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ފޭސް 1 ގެ ކޮންޓެއިނަރ ޖެޓީން މާލެއަށް ބަނގުރާ ގެންދާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ކަމަށެވެ.
އެ އޮޕަރޭޝަން ހިންގާފައި ވަނީ ހުޅުމާލެ ފޭސް 1 ގެ ފުލުހުންނާއި ބުރިޖު އެންޑް ހައިވޭ ޕޮލިސް ގުޅިގެން މާރިޗު 30 ވަނަ ދުވަހުއެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަންގައި، ބުރިޖުމަތިން އެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު 28 ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނީ މި މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، އެ ދެމީހުން މިހާރު ވަނީ ރާއްޖެއިން ޑީޕޯޓްކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައި ކަމަށެވެ.