އެމެރިކާއިން ބޭނުންވާ ގޮތަށް އީރާނާ އެކު އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ، އެ ޤައުމުގެ ސާފު ފެން އުފައްދާ ނިޒާމަށް ޙަމަލާދީ، ސުންނާފަތިކޮށްލާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.
ރިޕޯޓުތައް ބުނާގޮތުން އީރާނުގެ ސާފު ފެން އުފައްދާ ނިޒާމަށް ޙަމަލާދިނުމުގެ އިތުރުން މި އިންޒާރަކީ އީރާނުގެ ތެޔޮ ވަޅުތަކާއި، ކަރަންޓު ވިއުގައިގެ އިތުރުން އީރާނުގައި އުފައްދާ ތެޔޮ ބޭރުކުރާ މައި މަރުކަޒު ކަމަށްވާ ޚާރިގް ރަށަށް އަމާޒުކޮށްދީފައިވާ އިންޒާރެކެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީރާނުން ހޮރްމޫޒް ކަނޑުއޮޅި އަލުން ނުހުޅުވާލައިފި ނަމަ، އީރާނުގެ ކަރަންޓް ޕްލާންޓްތަކާއި ތެޔޮ އުފައްދާ ތަންތަނާއި ޑީސެލިނޭޝަން އިންފްރާސްޓްރަކްޗާ އެއްކޮށް ހަލާކުކޮށްލައި، އެ ގައުމުގެ ހިތްގައިމު "ދިރިއުޅުން" ނިމުމަކަށް ގެންނާނެ ކަމަށެވެ.
އެ ހަމަލާތަކަށް އިޝާރާތްކޮށް ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލިން ލެވިޓް ވިދާޅުވީ އެމެރިކާ އިން ކޮންމެ ދުވަހަކު ވެސް ވަރުގަދަ ހަމަލާތަކެއް ދެމުން އަންނަ ކަމަށާއި އެމެރިކާގެ އޮޕަރޭޝަންތައް ކުރިއަށް ދަނީ ޕްލޭނާ އެއްގޮތަށް ކަމަށެވެ.
އީރާނުގެ ފެނުގެ ނިޒާމު ސުންނާފަތިކޮށްލާނެ ކަމަށް ބުނެ ޓްރަމްޕް ދީފައިވާ ވަރުގަދަ އިންޒާރަކީ ހަނގުރާމައިގެ ޤާނޫނުތަކުގައި ކަނޑައެޅިގެން މަނާކޮށްފައިވާ "މުޅި ޖަމާޢަތަކަށް އަދަބު ދިނުމުގެ" ޖަރީމާއެއްގެ ގޮތުގައި ސިފަކޮށް، ޤާނޫނީ މާހިރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.