ށ. ފުނަދޫއިން މިލަންދުއަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ށ.ފުނަދޫ / ތަނޑިނޫމާގެ، މޫސާ ސިރާޖް (40އ) އެވެ.

ފުލުހުން މިއަދު ބުނީ އޭނާ ހައްޔަރުކޮށްފައި ވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި މިލަންދޫ ޕޮލިސް ގުޅިގެން މި މަހު 29 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ކަމަށެވެ.

މިލަންދުއަށް މަސްތުވާތަކެތި އެތެރެކޮށް، ވިއްކައި ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި، މިލަންދޫ ބަނދަރުގައި އޮތް ލޯންޗަކުން މޫސާ ސިރާޖު ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތަރު ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.