މިދިޔަ އަހަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކަސްޓަމަރުންނަށް ދުވާލެއްގެ މައްޗަށް 1.84 މިލިޔަން ޑޮލަރު ވިއްކާފައިވާކަމަށް އެ ބޭންކުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ ބޭންކުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ތެރޭގައި އެ ބޭންކުން ވަނީ ކަސްޓަމަރުންގެ އެކިއެކި ބޭނުންތަކަށް މުޅި ޖުމްލަ 672.5 މިލިޔަން ޑޮލަރު ވިއްކާފައެވެ.
އެގޮތުން މިއީ ދުވާލެއްގެ މައްޗަށް ބަލާއިރު 1.84 މިލިޔަން ޑޮލަރެވެ.
އަދި މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު %70 އިތުރު އަދަދެކެވެ.
2025 ވަނަ އަހަރު ބީއެމްއެލް މެދުވެރިކޮށް ވިޔަފާރިތަކަށް ޖުމްލަ 175 މިލިޔަން ޑޮލަރު ވިއްކާފައި ވާއިރު މީގެ ތެރެއިން 104 މިލިޔަން ޑޮލަރު ވިއްކާފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށެވެ.
އާންމު ފަރުދުންގެ އެކިއެކި ބޭނުންތަކަށް، ޑެބިޓްކާޑާއި ކްރެޑިޓްކާޑުތަކަށް ޖުމްލަ 390 މިލިޔަން ޑޮލަރު މިދިޔަ އަހަރު ވަނީ ހަމަޖައްސާދީފައެވެ.
މީގެ އިތުރުން ރާއްޖެއިން ބޭރަށް ފުރާ ދިވެހިންނަށް 98.5 މިލިޔަން ޑޮލަރު ވިއްކާފައިވާއިރު ޢުމްރާ ވެރިންނަށް 9 މިލިޔަން ޑޮލަރު ވިއްކާފައިވާކަމަށް ބީއެމްއެލްއިން ބުނެއެވެ.
މިގޮތުން މިއާއެކު ކަސްޓަމަރުންގެ ކާޑު ލިމިޓްތައް އިތުރުކޮށްދިނުމުގެ ފުރުސަތު ލިބި، ބޭރު ގައުމުތަކަށް ކުރާ ދަތުރުތަކާއި، ތައުލީމީ، ޞިއްޙީ ފަރުވާ ހޯދުމާއި އަދި ވިޔަފާރީގެ ބޭނުންތަކަށް ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޑޮލަރުގެ އެހީތެރިކަން ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށްވެސް ބީއެމްއެލްއިން ވަނީ ބުނެފައެވެ.
ހަމައެހެންމެ އެ ބޭންކުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއީ 2024 ވަނަ އަހަރު ޑޮލަރު ސަޕޯޓް ދެމުން އައި 5 އިންސައްތަ އާއި 10 އިންސައްތައާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ. އަދި މި ބަދަލާއެކު އަހަރު ނިމުނު އިރު، ޓީޓީތަކަށް ވިއްކާ ޑޮލަރުގެ އަދަދު 4 ގުނަ އިތުރުވެފައިވާކަމަށްވެސް އެ ތަފާސް ހިސާބުތަކުން ދައްކައެވެ.