ރައީސްގެ ސްކޮލަޝިޕްގައި ބޭނުން ދާއިރާއަކުން ކިޔެވޭ ގޮތަށް ބަދަލުކޮށްފިއެވެ.

ބޭނުން ގައުމަކުން ބޭނުން ދާއިރާއަކުން ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ހުރިހާ ހަރަދެއް ސަރުކާރުން ހަމަޖައްސައިދޭ ރައީސްގެ ސްކޮލަޝިޕް ލިބޭނީ 2024 ވަނަ އަހަރު މަތީ ސާނަވީ އިމްތިހާނު ހެދި ދަރިވަރުންގެ ތެރެއިން ދިވެހި އިސްލާމް ހިމެނޭހެން 5 މާއްދާގައި ބައިވެރިވުމާއެކު މަދުވެގެން 1 މާއްދާއިން އޭ* ހޯދުމާއެކު، އަނެއް 4 މާއްދާއިން އޭ* ނުވަތަ އޭ ހޯދާ ދަރިވަރުންނަށެވެ.

ރައީސްގެ ސްކޮލަޝިޕްގައި ބޭނުން ދާއިރާއަކުން މަތީ ތައުލީމް ހާސިލްކުރެވޭ ގޮތަށް އުސޫލު ބަދަލުކޮށްފައި މި ވަނީ އެ ސްކޮލަޝިޕްގައި ކިޔެވޭނީ "ޓްރެއިނިންގް ނީޑްސް ރިކުއާމަންޓް" ލިސްޓުގައި ހިމަނާފައިވާ ދާއިރާތަކުން އެކަނި ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ކަނޑައަޅައި އިއުލާން ވެސް ކުރުމަށްފަހު އެވެ.

ނަމަވެސް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ރޭގެ ވަގުތެއްގައި ނެރުނު އުސޫލުގައި ފަހުން ބުނީ އޭ ލެވެލްގައި ފަސް މާއްދާއަކުން އޭ ސްޓާ ހޯދާ ދަރިވަރުންނަށް ލިބޭ ރައީސްގެ ސްކޮލަޝިޕްގައި ބޭނުން ރޮނގަކުން ކިޔެވޭނެ ގޮތް ހަމަޖައްސައިދީފައިވާ ކަމަށެވެ.

އެ ސްކޮލަޝިޕްގައި ކިޔެވޭނީ "ޓްރެއިނިންގް ނީޑްސް ރިކުއާމަންޓް" ލިސްޓުގައި ހިމަނާފައިވާ ދާއިރާތަކުން އެކަނި ކަމަށް މިނިސްޓްރީން އިއްޔެ ކުއްލި ގޮތަކަށް ކަނޑައެޅުމުން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ އެ ނިންމުމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެގޮތުން ހައި އެޗީވާސް ސްކޮލަޝިޕަށް ގެނައީ ބޭއިންސާފު ބަދަލެއް ކަމަށް، ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީވެސް ވަނީ ވިދާޅުވެފައެވެ.

އަދި އެފަދަ ސިޔާސަތުތަކުގެ ސަބަބުން، ދަރިވަރުންގެ ހަގީގީ ގާބިލިއްޔަތާއި ހުނަރު ވަޒަންކުރުމުގެ ބަދަލުގައި އެ ކުދިންނަށް ކުރިއަށް ދިއުމަށް އޮތް މަގުތައް ބަންދުވެގެންދާނެ ކަމަށް އައިޝަތު އަލީ ވިދާޅުވި އެވެ.

މީގެ އިތުރުން އުއްމީދަކީ، އެ ބަދަލުގެ ސަބަބުން ދަރިވަރުންނަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކަށް ރިއާޔަތްކޮށް، ހުރިހާ ދަރިވަރުންނަށްވެސް ހަމަހަމަ ފުރުސަތުތަކެއް ލިބޭނެ ފަދަ ގޮތަކަށް އެ އުސޫލު މުރާޖައާ ކުރެވިގެން ދިއުން ކަމަށް ކުރީގެ އެޑިޔުކޭޝަން މިނިސްޓަރު އައިޝަތު އަލީ އޭނާގެ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.