މި ސަރުކާރަށް ބޯހިޔާވަހިކަމަކީ ސިޔާސީ ކަމެއް ނޫންކަމަށާއި، އެއީ އިންސާނިއްޔަތަށްޓަަކައި ކޮށްދޭންޖެހޭ ކަމެއްކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާބެހޭ މިނިސްޓަރު ޑރ.ޢަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީން ހުޅުމާލޭގައި އިމާރާތްކުރާ 1190 ޔުނިޓްގެ ބިންގާއެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މާލޭގައި ދިރިއުޅޭ ގިނަ އާއިލާތަކަކީ، އާއިލާއެއް ގޮވައިގެން ހަމަޖެހިލައިގެން އުޅެވޭނެ ބޯހިޔާވަހިކަމެއް ނެތް ބައެއްކަމަށެވެ.

މިނިސްޓަރު މުއްތަލިބް ވިދާޅުވީ، މާލޭގައި ނިކަމެތި އާއިލާތައް ދިރިއުޅެމުންދާ ދަތިހާލު ވަރަށް ގާތު ދެކިފައިވާކަމަށާއި، މިއީ އެފަދަ ފަރާތްތަކަށް ހާއްސަ މަޝްރޫޢު އެއްކަމަށެވެ.

ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި މިފަދަ ފަރާތްތަކަކީ ބާކީ ވެފައިވާ ފަރާތްތަކަކަށް ނުވާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އެގޮތުން ހާލުގައި އުޅޭ ފަރާތްތަކަށް ޚާއްސަ އުސޫލަކުން އިސްކަންދީގެން ބޯހިޔާވަހިކަން ލިބޭނެ މަގުފަހިކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ކުޑަ އާމްދަނީއެއް ލިބޭ އާއިލާތަކަށް ލީސްޓު އޯން މޮޑެލްގެ ދަށުން ސޯޝަލް ހައުސިންގެ ގޮތުގައި ބޯހިޔާވަހިކަން ހޯދައިދިނުމަށް ފްލެޓް އިމާރާތްކުރުން މިވަނީ ފެށިފައި ހިތްދަތި ނިކަމެތި ހާލަތުގައި އުޅޭ ފަރާތްތަކަށް ޚާއްސަ އުސޫލަކުން އިސްކަންދީގެން ބޯހިޔާވަހިކަން ލިބޭނެ މަގު އަޅުގަނޑުމެން މިދަނީ ފަހިކުރަމުން.މިއީ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ކުރެވޭ އެންމެ ބޮޑު އެންމެ ބޭނުންތެރި ޕޮލިސީ އިންޓަވެންޝަން.މާޒިގެ ތަޖުރިބާޔަށް ބަލާއިރު ބޯހިޔާވަހިކަން އެންމެ ބޮޑަށް ބޭނުންވާ އާއިލާތަކަކީ ބޯހިޔާވަހިކަމުގެ އާންމު ސްކީމުން ފްލެޓް ނުލިބޭ ފަރާތްތައް."

މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބު

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވަނީ ފޯމް ނުފުރިގެން ބޯހިޔާވަހިކަމަށް ކުރިމަތިނުލެވިފައި ތިބެން ނުޖެހޭނޭކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ސަރުކާރުގެ ޒިންމާއަކީ އެމީހުންނަށް އެހީތެރިވުން ކަމަށާއި ސަރުކާރުގެ މަސްއޫލިއްޔަތަކީ އެފަދަ ފަރާތްތައް ހޯދާ، ދިރިއުޅުމުގެ ހާލަތު ވަޒަންކޮށް، އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.