ހިޔާ ފްލެޓުތަކުގެ ދެ އަހަރުގެ ކުލި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ކަނޑާލައިފިއެވެ.
މިކަންހާމަކޮށްފައި ވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހެއިރު، ފްލެޓުތަކުގެ ވެރިންނަށް މިދިޔަ ހަފުތާގައި ފޮނުއްވި ސިޓީއެއްގައެވެ.
ހިޔާ ފްލެޓުގެ ފިނިޝިން މަސައްކަތަށް އާއްމުން ކޮށްފައިވާ ހަރަދު އަނބުރާ ދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދު ތަންފީޒުކުރާނެ ގޮތުގެ ތަފްސީލު ހިއްސާކޮށްފައިވާ އެ ސިޓީގައިވާގޮތުން ފްލެޓުތަކުގެ ފިނިޝިންއާ ގުޅިގެން ކޮންމެ ފްލެޓަކަށް ކަނޑައަޅާފައިވާ 200،000ރ. ގެ ޑިސްކައުންޓު ނުދެވި އޮތް އަދަދުން، ފްލެޓުގެ ކުލީގެ ގޮތުގައި ނުދެއްކި ހުރި ފައިސާ އަންނަ ބުދަ ދުވަހުން ފެށިގެން އުނިކުރާނެއެވެ.
އަދި އެ އަދަދު އުނިކުރުމަށްފަހު، ފްލެޓުގެ ބާކީވާ ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އެއް ނެތް ނަމަ، ޑިސްކައުންޓަށްވާ ބައި، މަހަކު 5،300ރ. ހަމަވަންދެން ކުލި ދައްކަން ނުޖެހޭނެ ކަމަށް އެޗްޑީސީން ވަނީ ހާމަކޮށްފައެވެ.
ނަމަވެސް އެ މުއްދަތުގައި ވެސް މެނޭޖްމަންޓް ފީ ދައްކަންޖެހޭނެ ކަމަށާއި އެ ޑިސްކައުންޓުގެ އަގު ހަމަވުމުން، އަންނަ ބުދަ ދުވަހުން ފެށިގެން ފްލެޓުގެ އަގު ދައްކާ ހަލާސްކުރެވެންދެން ފްލެޓުގެ މަހު ކުއްޔަކީ 5،300ރ. ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.
އެޗްޑީސީން ބުނީ މި ގެނެވޭ ބަދަލާ ގުޅިގެން އެ ކޯޕަރޭޝަންގެ އޮންލައިން ޕޯޓަލްއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް މަސައްކަތްކުރެވެމުންދާ ކަމަށާއި އެހެންކަމުން، މާޗު މަސް ނިމުމުން އެ މަހުގެ ނިޔަލަށްވާ ބެލެންސް އަދަދަށް ބަލައި، އޭގެ ތަފްސީލު ޕޯޓަލް މެދުވެރިކޮށް ހިއްސާކުރެވޭނެ ކަމަށެވެ.