ރައީސްގެ ސްކޮލާޝިޕް އަންނަ އަހަރުން ފެށިގެން ދޭނީ "ޓްރެއިނިންގް ނީޑްސް ރިކުއާމަންޓް" ލިސްޓުގައި ހިމެނިފައިވާ ދާއިރާތަކުން އެކަނި ކަމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވަނީ، ހައި އެޗީވަރސް ސްކޮލަރޝިޕާއި މަތީ ސާނަވީ އިމްތިޙާނުން އެއްވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދޭ ޚާއްޞަ ސްކޮލަރޝިޕުގެ އުސޫލަށް ބަދަލުތަކެއް ގެނެސް އާންމުކޮށްފައެވެ.

ބޭނުން ގައުމަކުން ބޭނުން ދާއިރާއަކުން ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ހުރިހާ ހަރަދެއް ސަރުކާރުން ހަމަޖައްސައިދޭ ރައީސްގެ ސްކޮލަޝިޕް ލިބޭނީ 2024 ވަނަ އަހަރު މަތީ ސާނަވީ އިމްތިހާނު ހެދި ދަރިވަރުންގެ ތެރެއިން ދިވެހި އިސްލާމް ހިމެނޭހެން 5 މާއްދާގައި ބައިވެރިވުމާއެކު، މަދުވެގެން 1 މާއްދާއިން އޭ* ހޯދުމާއެކު، އަނެއް 4 މާއްދާއިން އޭ* ނުވަތަ އޭ ހޯދާ ދަރިވަރުންނަށެވެ.

ހައި އެޗީވާސް ސްކޮލަޝިޕް ދެނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ "ނެޝަނަލް ޓްރެއިނިން ނީޑްސް ލިސްޓު"ގައި ހިމެނޭ ދާއިރާތަކުންނެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ރައީސް ދޭ ހާއްސަ ސްކޮލާޝިޕް ލިބޭ ކަމަށް އެ މިނިސްޓްރީން ކަނޑައަޅައި ލިޔުން ދޫކޮށްފައިވާ ދަރިވަރުން ސްކޮލާޝިޕްގައި ކިޔެވުން ފުރިހަމަކުރުމަށް ސްކޮލާޝިޕްގެ އުސޫލުގައި ކަނޑައަޅާފައިވާ ކަންކަން ފުރިހަމަކުރުމަށް އެދި މިހާރު އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށެވެ.އަދި އެ އެޕްލިކޭޝަނާ އެކު ހުށަހަޅަންޖެހޭ ލިޔުންތަކާ އެކު ކަނޑައަޅާފައިވާ މުއްދަތުގެ ކުރިން އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ އުސޫލުގައިވާ ގޮތަށް 18 މަސް ދުވަހުގެ ތެރޭގައި ކިޔެވުން ފެށުމުގެ އިންތިޒާމު މިނިސްޓްރީން ހަމަޖައްސަން ޖެހޭތީ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.ރައީސްގެ ސްކޮލަޝިޕާއި ހައި އެޗީވާސް ސްކޮލަޝިޕަށް ކުރިމަތިލާން ޖެހެނީ މިނިސްޓްރީގެ "މައި އެޑޫ" ޕޯޓަލް އިން މި އަންނަ ސެޕްޓެމްބަރު 30ގެ ކުރިންނެވެ.ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ ޚާއްޞަ ސްކޮލަރޝިޕާ ގުޅޭގޮތުން އުސޫލުގައި ބަޔާންކޮށްފައިވަނީ، ދަރިވަރުން ކިޔަވަންވާނީ ރާއްޖޭގެ 'ޓްރެއިނިންގ ނީޑްސް ރިކުއަޔަރމަންޓް' ލިސްޓުގައި ހިމެނޭ ދާއިރާތަކުން ކަމަށެވެ. ނަމަވެސް، މިދިޔަ އަހަރު އޭލެވެލް ނިންމި ދަރިވަރުންގެ ތެރެއިން ރައީސްގެ ޚާއްޞަ ސްކޮލަރޝިޕް ހޯދި ދަރިވަރުންނަށް، އެކުދިން ބޭނުންވާ ކޮންމެ ދާއިރާއަކުން ކިޔެވުމުގެ އިސްތިސްނާ ފުރުޞަތެއް ދިނުމަށް ވަނީ ނިންމާފައެވެ.

މި ސްކޮލަރޝިޕްތަކުގެ ދަށުން ކިޔަވާ ދަރިވަރުން ކިޔެވުން ނިންމުމަށްފަހު 4 އަހަރާއި 7 އަހަރާ ދެމެދުގެ މުއްދަތަކަށް ސަރުކާރަށް ޚިދުމަތް ކުރަންޖެހެއެވެ. އަދި ޚިދުމަތް ނުކުރާ ފަރާތްތަކުން، ސްކޮލަރޝިޕަށް ސަރުކާރުން ކުރި ޚަރަދު އަނބުރާ ދައްކަންޖެހޭނެ ކަމަށްވެސް އެ އުސޫލުގައި ބުނެފައިވެއެވެ.