އަތިރިމައްޗާއި މޫދަށް ކުނިއަޅާ މީހުން ޖޫރިމަނާކުރާނޭ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު، ޠާރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ތޯރިގު ވިދާޅުވީ ރަށްރަށުގައި ކުނި އަޅަންނުޖެހޭ ތަންތަނަށް ކުނި އަޅަމުންދާކަން ފާހަގަކުރެވޭ ކަމަށާއި، މޫދަށާއި، ގޮނޑުދޮށްތަކަށް ކުނި އަޅާ މައްސަލަތައް ދޭތެރެއަކުން ފެންމަތިވާ ކަމަށެވެ. އަދި އެކަމަކީ ވަރަށް ހަރުކަށިކޮށް ބަލަހައްޓަންޖެހޭ ކަމެއް ކަމަށް ވަޒީރު ތޯރިގު ވިދާޅުވިއެވެ. ހަމައެހެންމެ އެކަން ހައްލުކުރެވެން އޮތީ ފިޔަވަޅު އަޅައިގެން ކަމަށާއި މޫދަށާއި ގޮނޑުދޮށްތަކަށް ކުނި އަޅާ މީހުން ޖޫރިމަނާކުރަން ގަވައިދެއް އެކުލަވައިލާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ގޮނޑުދޮށާއި އެހެން ތަންތަނަށްވެސް ބައެއް ފަރާތްތަކުން ޖެހިލުމެއްނެތި ކުނި އަޅާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ އެފަދަ މީހުންނަށް ފިޔަވަޅު އަޅާ ޖޫރިމަނާ ކުރާނެ ކަމަށެވެ.
އަދި ބޭނުންވަނީ މި އާންމު ޤަވާއިދުގެ ދަށުން އަދަބުދޭން ނޫން ކަމަށާއި ޒިންމާދާރު ކުރުވުން ކަމަށާއި މިއީ އާއްމު ސާފުތާހިރުކަން އަދި އިޤްތިޞާދާވެސް ގުޅިފަވާ ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ވެށި ހަލާކުވެދާގޮތަށް އަމަލުތައް ބަހައްޓައި މޫދަށް ކުނިއަޅާ މީހުން ޖޫރިމަނާކޮށް އެފަރާތްތަކުގެ އަތުން ޖޫރިމަނާ ނަގަމުންދާނޭ ކަމަށެވެ.
މީގެ އިތުރުން އެ ގަވާއިދު އެކުލަވާލައި ނިމުމުން އަތިރިމައްޗާއި މޫދަށް ކުނިއަޅާ މީހުން ޖޫރިމަނާ ކުރަމުންދާނޭކަމަށް ވަޒީރު ޠާރިގު ވިދާޅުވިއެވެ.