ސައިކަލު ވިއްކާކަމަށް ބުނެ މަކަރާ ހީލަތުން ފައިސާ ފޭރުނު ކިންގްސްޓަންއަށް ދައުވާ ކުރަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
ފުލުހުން މިއަދު ބުނީ ސައިކަލު ވިއްކާކަމަށް ބުނެ ގިނަ އަދަދެއްގެ މީހުންގެ އަތުން މަކަރާއި ހީލަތުން ފައިސާ ނަގާފައިވާ މައްސަލައެއްގައި، ކުންފުންޏަކާއި އެ ކުންފުނީގެ ވެރިޔާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
ފުލުހުންގެ ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަންސް އިން ތަހުގީގު ފުރިހަމަކުރުމަށްފަހު، މި މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ 2026 މާރިޗު 03 ވަނަ ދުވަހުއެވެ.
ފުލުހުން ބުނީ މި މައްސަލާގައި ދައުވާކުރުމަށް ފޮނުވާފައިވަނީ ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށާއި، އެ ކުންފުނީގެ ވެރިޔާ ޕޯލާގްރޭސް / ދ.ބަނޑިދޫ، އަޙްމަދު ޢާޠިފް ޙަސަން (38އ) ގެ މައްޗަށް ކަމަށެވެ.
މި މައްސަލައަކީ 2023 ނޮވެމްބަރު މަހުން ފެށިގެން ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސްގެ ފަރާތުން ސައިކަލް ވިއްކާކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނަގައި، މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ތުހުމަތުކުރެވިގެން 2024 އޯގަސްޓް 08 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅުނު މައްސަލައެކެވެ.
ފުލުހުން ބުނީ ތަހުގީގަށް ހާމަވެފައިވާ ގޮތުގައި، މި މައްސަލާގައި ޖުމްލަ 158 ފަރާތެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނަގާފައިވާ ކަމަށެވެ.
އެގޮތުން ސައިކަލް ޕޭމަންޓުގެ ގޮތުގައި 7,193,764.00 (ހަތް މިލިއަން އެއްލައްކަ ނުވަދިހަ ތިންހާސް ހަތްސަތޭކަ ފަސްދޮޅަސް ހަތަރު) ރުފިޔާ އާއި 8,398.18 (އަށްހާސް ތިންސަތޭކަ ނުވަދިހަ އަށް ޑޮލަރު އަށާރަ ސެންޓް) ނަގާފައިވާކަން ތަހުގީގަށް ކަށަވަރު ކުރެވިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އެހެންކަމުން މި މައްސަލައަކީ ގިނަ ބަޔަކަށް މާލީ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ މައްސަލައަކަށްވާއިރު، މިހާރު މި މައްސަލަ ވަނީ ޕީޖީ އޮފީހުގައި ދައުވާކުރުމުގެ މަރުހަލާގައި ކަމަށް ފުލުހުން ވަނި ބުނެފައެވެ.