އަންނަ ހޮނިހިރު ދުވަހު ބާއްވަން ހަމަޖެހިފައިވާ އިންތިހާބު ނިމުމުން، މި ސަރުކާރުން ރައްޔިތުންނަށް އެތައް ގޮތަކުން ދަތިކުރާނެ ކަމަށް އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީއިން ބުނެފިއެވެ.
އެމްޑީޕީއިން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި، ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި އެމްޑީޕީގެ ކެމްޕެއިން މެނޭޖަރު އަބްދުﷲ ވަޙީދު ވިދާޅުވީ، މިއަދު ރާއްޖެ އޮތް ހާލަތާމެދު ސަރުކާރުން ސީރިއަސްކަމާއެކު ވިސްނާތަން ނުފެންނަ ކަމަށެވެ.
ވަޙީދު ވިދާޅުވީ ކެމްޕެއިންގެ ކަންކަމުގައި ސަރުކާރުން މިހާރު "ހޭބޯނާރައި އުޅޭއިރު" އިންތިހާބު ނިމުމާއެކު ސަރުކާރުން ރައްޔިތުންނަށް އެތައް ގޮތަކުން ދަތިކުރާނެ ކަމަށެވެ.
ވަޙީދު ވިދާޅުވީ ހަމައެކަނި އިންތިޚާބުގެ ބޭނުމުގައި ސަރުކާރުން މިއަދު ހިންގަނީ ވަރަށް ދެރަވަރުގެ އަމަލެއް ކަމަށެވެ. ރައްޔިތުންނަށް ހަގީގަތް ހާމަކޮށްދީ ކުރިއަށްއޮތް ތަނުގައި ސަރުކާރުން އަޅާނެ ފިޔަވަޅުތައް ހާމަކުރަންޖެހޭ ކަމަށް ވަޙީދު ވަނީ ވިދާޅުވެފައެވެ.
ވަޙީދު ވަނީ މި އިންތިހާބު ސަރުކާރަށް ކާމިޔާބުވެއްޖެނަމަ ރައްޔިތުންނަށް މިނިވަންކަމާ އެކު އުޅުމުގެ ޖާގައެއް ނުލިބޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އިންތިހާބުގެ ނަތީޖާއާއެކު ފެނިގެންދާނީ، ކުރިއަށްއޮތް ދުވަސްތަކުގައި ރައްޔިތުންނަށް ދަތިވާނޭ ހުރިހާ ކަމެއް ސަރުކާރުން ކުރާ މަންޒަރު ކަމަށް ވެސް ވަޙީދު ވިދާޅުވިއެވެ.
މީގެ އިތުރުން ވަޙީދު ވަނީ ޚުދުމުހުތާރު ވެރިކަމަކަށް މި ވެރިކަން ބަދަލުވެގެންދާކަމަށް ފާހަގަކުރައްވައި، ރައްޔިތުންނަށް މިނިވަންކަމާއެކު ބަސްބުނުމުގެ ފުރުސަތު ގެއްލި، ދިރިއުޅުމުގައި ހުރިހާ ގޮތަކުން ދަތިތައް ކުރިމަތިވާނެ ކަމަށް ވިދާޅުވެފައެވެ.