މ. ކުނޫޒުގައި އެއްޗެއް ގޮއްވާލަން އުޅުނު ކަމަށް ބުނެ ދައުލަތުން ދައުވާކުރާ މީހެއްގެ މައްސަލަ ބާތިލް ކުރެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.
ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ ކަމަށްވާ މ. ކުނޫޒުގައި އެއްޗެއް ގޮއްވާލަން އުޅުނު ކަމަށް ބުނެ 2017 ވަނަ އަހަރުގެ ޖުލައި 25 ވަނަ ދުވަހު ދައުލަތުން ހަތަރު މީހެއްގެ މައްޗަށް ވަނީ ދައުވާކޮށްފައެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކުރީ އަމިއްލައަށް ތައްޔާރުކޮށްގެން މާލޭގައި ބޮން ގޮއްވަން އުޅުނު ކަމުގެ ތުހުމަތުގައި އިއުތިސާމް ހިމެނޭހެން، ހއ. ހޯރަފުށީ ވިދުވަރުގެ ނާސިއު މުހައްމަދާއި، އެރަށު އަލަނާސިގޭ މުހައްމަދު ތަސްލީމް އާއި، ހދ. ނައިވާދޫ ރިވެލި ޝިމާން ޝަރީފް އެވެ.
އެމައްސަލައިގައި އެމީހުންގެ ބަންދު ދަމަހައްޓަމުންގޮސް އަށެއް އޮކްޓޫބަރު 2018 ވަނަ އަހަރު އެމީހުން ޝަރުތު ތަކަކާއެކު ބަންދުން ދޫކޮށްލާފައި ވާއިރު އެ ޝަރުތުތަކުގެ ތެރޭގައި ކޯޓަށް އެއްބާރުލުން ދިނުމާއި، އެ ބާވަތުގެ ކުށެއް ތަކުރާރު ނުކުރުމާއި މާލޭން ބޭރަށް ނުދިއުން ހިމެނެއެވެ.
އޭގެ ފަހުން 2021 ވަނަ އަހަރު އެ މައްސަލަ ބަލާ ފަނޑިޔާރު ބަދަލުވުމާ ގުޅިގެން 31 ޖަނަވަރީ 2022 ވަނަ ދުވަހު ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި މައްސަލަ އަލުން ސާފުކުރުމަށްފަހު، މައްސަލައިގެ އަޑުއެހުންތައް އަލުން ފަށައިގެން ކުރިއަށް ގެންދަން އެ މައްސަލަ ބެއްލެވި ފަނޑިޔާރު ނިންމެވިއެވެ.
މީގެ އިތުރުން އެ ހަތަރު މީހުން ބަންދުން ދޫކޮށްލިތާ މާގިނަ ދުވަސްތަކެއްނުވެ، ޓެރަރިޒަމްގެ އެހެން މައްސަލައަކާ ގުޅިގެން އިއުތިސާމް އަލުން ހައްޔަރު ކުރިއެވެ.
އަދި އެ މައްސަލަ އޭނާގެ މައްޗަށް ސާބިތު ނުވުމުން 25 އޮކްޓޫބަރު 2021 ގައި އޭނާ ބަންދުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން އަމުރުކުރި ނަމަވެސް ހަމަ އެދުވަހު، ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ކުށުގައި ކުރިން އޭނާ ހައްޔަރުކުރި، މައްސަލައިގައި އަލުން އޭނާ ބަންދު ކުރަން ކުރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަވެ.
އެ މައްސަލައިގައި މިޙާރު ބަންދުގައި ހުރީވެސް އިއުތިސާމް އެކަންޏެވެ.
އެގޮތުން އޭނާގެ ފަރާތުން ޝަރީއަތުގެ ކުރީގެ ހުށަހެޅުމެއް ހުށަހެޅީ ދައުލަތުން އަމަލުކުރި ގޮތުން އެ މައްސަލަ ނުނިމި ލަސްވެފައިވާތީ އެ ދައުވާ ބާތިލްކޮށްދިނުމަށް އެދިއެވެ.
ނަމަވެސް ކްރިމިނަލް ކޯޓާއި ހައި ކޯޓުން ވެސް ކުރިން ނިންމާފައި އޮތީ އެ ދައުވާ ބާތިލް ނުކުރެވޭނެ ކަމަށެވެ.
އަދި އެ ނިންމުން އިއުތިސާމްގެ ފަރާތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން ވެސް މިއަދު ނިންމީ ހައި ކޯޓާއި ދަށު ކޯޓުގެ ނިންމުން ރަނގަޅު ކަމަށެވެ.
ސުޕްރީމް ކޯޓުގެ ހުކުމުގައިވަނީ އެ މައްސަލަ ނުނިމި ލަސްވެފައިވަނީ ދައުލަތުން އަމަލުކުރި ގޮތުގެ ސަބަބުން އެކަނި ނޫން ކަމަށާއި އޭގެ އިތުރުން އެކިފަހަރުމަތިން ގާޒީ ބަދަލުވުމާއި ވަކީލުން އެދިގެން އަޑުއެހުން ކެންސަލްކުރަން ޖެހުން ފަދަ ސަބަބުތައް ވެސް ހިމެނޭ ކަމަށް އެ ހުކުމުގައިވެ އެވެ.
މިގޮތުން އެކަންކަން ފާހަގަކޮށް، އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ އެ ދައުވާ ބާތިލް ކުރެވެން ނެތް ކަމަށް ނިންމި ނިންމުން ރަނގަޅު ކަމަށެވެ.