10 ރުފިޔާގެ އައު ނޫޓުތަކެއް 1 އެޕްރިލް އިން ފެށިގެން ދައުރުކުރަން ފަށަން ނިންމާފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ބުނެފިއެވެ.

އެމްއެމްއޭ އިން އާންމުކޮށްފައިވާ ބާޔާނެއްގައި ބުނީ 10 ރުފިޔާގެ ސްޓޮކް މަދުވުމާއި އަދި ބައުވެ ހަލާކުވާ ނޫޓުތައް އައުކުރުމަށް ރަން ދިހަފަހެއް ސީރީޒްގެ 10 ރުފިޔާގެ އައު ޗާޕެއް މިއަދު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ގެނެސްފައިވާކަމަށެވެ. އަދި އެމްއެމްއޭއިން އޭޕްރީލް 1 ވަނަ ދުވަހުން ފެށިގެން އެ ނޫޓްތައް ދައުރުވާ ފައިސާގެ ތެރެއަށް ދޫކުރުމަށް ވަނީ ނިންމާފައެވެ.

10 ރުފިޔާގެ ނޫޓަކީ ދަށް ޑިނޯމިނޭޝަންގެ ނޫޓަކަށް ވާތީ ވިޔަފާރީގެ މުއާމަލާތްތަކުގައި މާރުކުރުމަށް އާންމުކޮށް 10 ރުފިޔާގެ ނޫޓު ބޭނުންކުރާ މިންވަރު ގިނަ ކަން ފާހަގަކޮށް އެ އޮތޯރިޓީއިން ބުނީ އޭގެ ސަބަބުން ނޫޓު ހަލާކުވާ މިންވަރު އިތުރުވާ ކަމަށާއި މީގެ އިތުރުން ފައިސާގެ ބޮޑެތި އަދަދުތަކުގެ މުއާމަލާތްތައް ކުރުމަށް އާންމުކޮށް މިފަދަ ނޫޓު ބޭނުންނުކުރާތީވެ، މީ ބޭންކުތަކުންވެސް ފައިސާ ޖަމާކުރުމުގެ ތެރެއިން ވަރަށް މަދުން ނޫނީ ނުލިބޭ ނޫޓެއް ކަމަށެވެ.

ރަންދިހަ ފަހެއް" ސީރީޒް ތައާރަފްވި ފަހުން 10 ރުފިޔާ ނޫޓް ޗާޕްކުރި މިއީ ތިންވަނަ ފަހަރެވެ. ފުރަތަމަ ޗާޕްކުރީ 2015 ވަނަ އަހަރުގެ އޮކްޓޯބަރު 05 ގެ ތާރީހުގައި، ކުރީގެ ގަވަރުނަރު އަޒީމާ އާދަމްގެ ސޮއާއެކުއެވެ. ދެ ވަނަ ފަހަރަށް ޗާޕްކޮށްފައިވަނީ 2018 ވަނަ އަހަރުގެ މާޗް 10 ވަނަ ދުވަހު، ކުރީގެ ގަވަރުނަރ އަހްމަދު ނަސީރުގެ ސޮއާއެކުއެވެ.

މިހާރު ބޭނުންކުރަމުންދާ ނޫޓް ސީރީޒް ބޭނުންކުރާތާ ދިހަ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާތީ ބާނޫޓުގެ ގޮތުގައި 10 ރުފިޔާ ލިބޭ މިންވަރުވެސް މިހާރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އެމްއެމްއޭއިން ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން އަލަށް ނެރޭ 10 ރުފިޔާގެ ނޫޓުގައި ސޮއިކޮށްފައި ވަނީ އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރެވެ. އަދި ނޫޓުގައި ވަނީ 2025 ވަނަ އަހަރުގެ ޖުލައި 31 ގެ ތާރީހެވެ. އަދި، 10 ރުފިޔާގެ މި އައު ޗާޕުގެ ދެފުށުގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނެ ކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ.

މިގޮތުން ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނީ ނޫޓުގެ މޫނުމަތީގެ ވައަތްފަރާތުން މަތީގައިވާ، މޫނުމަތީ އަގާއެކު އަދި ނޫޓުގެ ފަހަތުގެ ކަނާއަތް ފަރާތުން މަތީގައިވާ، މޫނުމަތީ އަގާއެކުއެވެ. ނަގުދު ފައިސާގެ ގޮތުގައި އަލަށް ޗާޕުކޮށްގެން މިނެރޭ 10 ރުފިޔާގެ ނޫޓާއި އެކު މިހާރު ބޭނުންކުރާ 10 ރުފިޔާގެ ނޫޓުވެސް ދައުރުވަމުން ދާނެ ކަމަށް މަރުކަޒީ ބޭންކުން ހާމަކުރެއެވެ.

އެމްއެމްއޭއިން ބުނީ ޑިމާންޑް އިތުރުވުމާ ގުޅިގެންނާއި ބާނޫޓް ބަދަލުކުރުމަށް ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ އާ ނޫޓް ދައުރުކުރުމަށް ނެރޭ ކަމަށާއި މީ އިގްތިސާދުގައި ނޫޓަށް އޮންނަ ޑިމާންޑަށް ނޫޓު ފޯރުކޮށްދިނުމަށާ ދައުރުވާ ނޫޓަކީ އެކަށީގެންވާ ރަނގަޅު ފެންވަރެއްގަ ހުރި ނޫޓުތަކަށް ހެދުމަށް އަބަދުވެސް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކުރަމުންދާ ކަމެއް ކަމަށެވެ.