އެކްސްރޭގެ ހިދުމަތް ށ. މިލަންދޫ ސިއްހީ މަރުކަޒުގައި ފަށައިފިއެވެ.

ށ. މިލަންދޫ ސިއްހީ މަރުކަޒުގައި އެކްސްރޭގެ ހިދުމަތް ރަސްމީކޮށް ފެށުމަށް އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިހިދުމަތް ފައްޓަވައިދެއްވީ ސިއްހީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމްއެވެ.

އެރަސްމިއްޔާތުގައި މިލަންދޫ ކައުންސިލް އިދާރާގެ މެމްބަރުންނާއި، އެރަށު ސިއްހީމަރުކަޒުގައި މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން ސިއްހީ ވުޒާރާގެ އިސް އޮފިޝަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ނާޒިމް ވިދާޅުވީ ވަޒީރު ރަށެއް ތަރައްގީކުރުމުގައި ސިއްހީ ހިދުމަތަކީ ވަރަށް މުހިންމު ހިދުމަތެއްކަމަށާއި މިލަންދޫގައި ޑައިލިސިސްގެ ހިދުމަތް ފެށުމަށްވެސް ތައްޔާރުވަމުން އަންނަކަމަށެވެ. އަދި މިލަންދޫ ހޮސްޕިޓަލްގެ މަސައްކަތްތައްވެސް ކުރަމުން އަންނަކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މިރަށުގައި އެކްސްރޭގެ ހިދުމަތް ފެށިގެންދާއިރު ވަރަށް އަވަހަށް ޑައިލިސިސްގެ ހިދުމަތްވެސް ފެށިގެންދާނެ. މިހާރު ކުރަންޖެހޭ ކަރުދާހުގެ މަސައްކަތް ދަނީ ކުރަމުން"

ސިއްހީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް

ސިއްހީ ވުޒާރާއިން ބުނީ ށ. މިލަންދޫގައި ސިއްހީ މަރުކަޒުގައި އެކްސްރޭގެ ހިދުމަތް ދޭން ފެށުމަކީ، އެރަށުގެ ސިއްހީ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.

އެގޮތުން އެ ހިދުމަތް ފެށުމާއެކު، މީގެ ކުރިން ބޭސްފަރުވާއަށް މާލެއަށް ނުވަތަ އެހެން ބޮޑެތި ރަށްރަށަށް ދަތުރުކުރަން ޖެހުމުގެ ބުރަ ރައްޔިތުންގެ ކިބައިން ކުޑަވެގެން ދިއުމުގެ އިތުރުން ފަސޭހަކަމާއެކު ރަށުގައި ތިބެގެން އެކްސްރޭ ނެގުމުގެ ފުރުސަތު މިވަނީ ފަހިވެގެން ގޮސްފައެވެ.

މީގެ އިތުރުން 24 ގަޑިއިރަށް ހިދުމަތް ދޭ މިސިއްހީ މަރުކަޒުގައި އެކްސްރޭ މެޝިނެއް ބެހެއްޓި، މި ހިދުމަތް ފެށިގެން ދިއުމާއެކު ޑޮކްޓަރުންނަށް ފަސޭހަކަމާއެކު ބަލި ދެނެގަނެވި އަވަސް ފަރުވާ ދިނުމަށް މަގުފަހި ވެގެންދާނެއެވެ.

އެކްސްރޭގެ ހިދުމަތަކީ ކަށި ބިނދުމާއި، ފުއްޕާމޭގެ ބަލިތައް އަދި ބަނޑުގެ ބައެއް މައްސަލަތައް ފަދަ ކަންކަން ޑޮކްޓަރުންނަށް އަވަހަށް ދެނެގަނެވޭނެ ވަސީލަތަކަށް ވުމުންް، މިކަމުގެ ސަބަބުން ޑޮކްޓަރުންނަށް އެކަށީގެންވާ ފަރުވާ ދިނުމަށް ވަރަށް މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެ ކަމަށްވެސް ސިއްހީ ވުޒާރާއިން ފާހަގަކުރެއެވެ.

މި ހިދުމަތާއެކު އެކްސްރޭ ނެގުމަށްޓަކައި ރަށްރަށަށް ދަތުރުކުރަން ޖެހުމުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ދަތިތަކާއި، ދަތުރުގެ ލޮޖިސްޓިކްސްގެ ބުރަތަކާއި، ހަރަދުތައް ކުޑަވެގެންދާނެއެވެ.

މިލަންދޫއަކީ މި ސަރުކާރު އައިފަހުން އެކްސްރޭގެ ހިދުމަތް ގާއިމްކުރާ 4 ވަނަ ރަށެވެ.