އާސަންދައިގެ ދަށުން އެމްބިއުލާންސް ލިބޭނެ ހާލަތްތައް އަންނަ މަހުން ފެށިގެން އިތުރުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެެވެ.

ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އާސަންދަ މެދުވެރިކޮށް އެމްބިއުލާންސް ޚިދުމަތް ހޯދުމަށް އައު އުޞޫލެއް ކަނޑައެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށާއި އެ ބަދަލުތަށް އަންނަ މަހުގެ 1 އިން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށެވެ.

ކުއްލި ޙާލަތުގައި ގެންދަންޖެހޭ މީހުންނާއި، މައްޔިތުން އުފުލުމާއި އެނދުމަތިވެފައިވާ މީހުންނަށް ފަރުވާދިނުމަށް ގެންދާ ގެންދިއުމާއި، ފުރޮޅުލީ ގޮނޑީގައި އުޅޭ މީހުން ފަރުވާއަށް ގެންދާ ގެންދިއުމާއި ޖިސްމާނީ އަދި ނަފްސާނީ ބަލިމީހުން ގެންދިއުމާއި ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ ތެރެއިން އެއްތަނުން އަނެއް ތަނަން ބަލިމީހުން ގެންދިއުން އާސަންދައިން ހަމަޖެހޭނެ

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު

އެމްބިއުލާންސް ޚިދުމަތްދޭ ދާއިރާތައް ފުޅާކުރުމަށް ސަރުކާރުން ނިންމާފައިވާއިރަށް، ރާއްޖޭގެ ރަށްތަކަށް ބޭނުންވާ އެމްބިއުލާންސް ފޯރުކޮށްދިނުމުގެ ހާއްސަ މަޝްރޫޢުއެއްވެސް ސަރުކާރުން ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މިދިޔަ މަހު 56 ރަށަކަށް އެމްބިއުލާންސް ފޮނުވާފައިވާއިރު، މިމަހުގެ ތެރޭގައި 2 ބުރަކަށް ބަހާލައިގެން އެމްބިއުލާންސް ރަށްރަށަށް ފޮނުވާފައިވެއެވެ. މީގެއިތުރުން، ބޮޑެތި އާބާދީތަކަށް އަމާޒުކޮށް ޕެރަމެޑިކް އެމްބިއުލާންސްތަކެއް ހޯދަމުގެ މަސައްކަތްކުރަމުން އަންނަކަމަށާއި، އެ އެމްބިއުލާންސްތައްވެސް އަންނަ މަހުގެ ތެރޭގައި ލިބޭނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ހުރިހާ ރަށްރަށަށް އެމްބިއުލާންސްގެ ޚިދުމަތް މެދުކެނޑުމެއްނެތި ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ އަދުގެ ސަރުކާރުގެ މުހިންމު އަމާޒެކެވެ.