މިމަހު 28 ވަނަ ދުވަހުގެ ރޭ "ފަހިފެހި ތިނަދޫ ސިޓީ މެނިފެސްޓޯ އިފްތިތާހްކުރުން" ނަމުގައި ކުރިއަށް ގެންދެވުނު ޖަލްސާގައި، ސިޔާސީ ޕާޓީއެއްގެ އިސްބޭފުޅަކު، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ބޭފުޅުންގެ ކަރާމާތަށް އުނިކަން ލިބޭފަދަ އަދި އެބޭފުޅުންނަށް މަލާމާތް ރައްދުވާފަދަ ބަހުރުވައަކުން ވާހަކަ ދައްކާފައިވާތީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތްކުރާ ކައުންސިލް" އިން، އެކަން އެންމެ ހަރުހަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ދިވެހިރާއްޖެ ބައިވެރިވެފައިވާ އެންމެހާ ބައިނަލްއަޤުވާމީ މުޢާހަދާތަކުންނާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 35 ވަނަ މާއްދާއިން ޚާއްޞަ ރައްކާތެރިކަން ލިބިގެންވާ ފަރާތްތަކެކެވެ. އަދިނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގެ ދަށުން ނުކުޅަދެންތެރިކަން ހުންނަ ފަރާތްތަކުގެ ކަރާމާތަށް އިޙްތިރާމްކުރުމާއި އަމިއްލަވަންތަކަމާއި، މިނިވަންކަމާއެކު ދިރިއުޅުމުގެ ފުރުޞަތު ލިބުމަކީ އެފަރާތްތަކަށް ލިބިގެންވާ ޙައްޤެކެވެ.

ނަމަވެސް ސިޔާސީ ޕާޓިއެއްގެ އިސް ބޭފުޅަކު މިފަދަ މޭރުމަކުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަލާމާތާއި ފުރައްސާރަ ކުރުމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލުވާ މުޖުތަމަޢުއެއް ބިނާކުރުމަށް އެ ކައުންސިލުން ކުރާ ބުރަ މަސައްކަތަށް އެޅުނު ހުރަހެއް ކަމުގައި ވަނީ ފާހަގަކުރައްވާފައެވެ. މިފަދަ ބަސްތައް މުޖުތަމައުގައި އާންމުވެގެންދިއުމަކީ، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ބޭފުޅުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް، އަދި އެކަމުގެ ސަބަބުން އެބޭފުޅުންނަށް ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ކަމެއްކަން ހިތާމައާއެކު އެ އެސޯސިއޭޝަން އިން ވަނީ ފާހަގަކުރައްވާފައެވެ.

ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ބޭފުޅުންގެ ކަރާމާތަށް އުނިކަން ލިބޭފަދަ އަދި، މަލާމާތް ރައްދުވާފަދަ މޭރުމަކުން ވާހަކަ ދައްކާފައިވާތީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކޮށް، އެފަރާތްތައް ކުރިއަރުވައި، ބާރުވެރިކުރުމަށް މަސައްކަތްކުރާ ފަރާތެއްގެ ހައިސިއްޔަތުން، އެ ކައުންސިލުން އެކަން ކުށްވެރިކޮށް، މިފަދަ ކަންތައްތައް ތަކުރާރު ނުކުރުމަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްޤުތައް ކަށަވަރުކުރުމަށް ކުރާ ބުރަ މަސައްކަތުގައި އެންމެހާ ފަރާތްތަކުން އަތުގުޅާލާ އެކުގައި މަސައްކަތް ކުރުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި މިފުރުޞަތުގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރު ކުރުމުގައި ކުރާ މަސައްކަތްކަތުގައި، ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އެންމެހާ ރައްޔިތުންނަށް، ޚާއްޞަކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ އެ ފަރާތްތަކުގެ ޢާއިލާ ތަކަށް އެ ކައުންސިލް އިން ވަނީ ދީފައެވެ.