ގައުމީ ބޭންކެއްގެ އެންމެ މުހިންމު މަސްއޫލިއްޔަތަކީ މީހުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށްދިނުން ކަމަށް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ބޭންކުގެ ސަބްސިޑިއަރީ ކުންފުނި، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގެ ދަށުން ހިންގާ މަޝްރޫއުގައި 182 ފްލެޓު އިމާރާތް ކުރުމަށް ބިންގާ އެޅުމަށް ހުޅުމާލޭ ފޭސް 1 ގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ ގައުމުގެ އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގިއަށް ބޭނުންވާ މުހިއްމު މަސައްކަތްތަކަށް އިންވެސްޓްކޮށް މީހުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށްދިނުމަކީ ގައުމީ ބޭންކުގެ އެންމެ މުހިއްމު އެއް ދައުރު ކަމަށެެވެ.

ޝަރީފް ވިދާޅުވީ ގައުމީ ބޭންކެއްގެ އެންމެ މުހިންމު މަސްއޫލިއްޔަތަކީ މާލީ ފައިދާ ހޯދުން ނޫން ކަމަށެވެ. އަދި އެފަދަ މަޝްރޫއުއެއްގެ ސަބަބުން، މާލީ ގޮތުން އުފުލަން ޖެހިފައިވާ ބުރައަށް ހައްލެއް ލިބުމަކީ އެ ރައްޔިތުންނަށް ލިބޭ ތަނަވަަސްކަމަކަށް ވާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

މި ބޭންކް އަކީ ދިވެހިރާއްޖޭގެ ހުރިހާ ގޭބީސީ ތަކަށް ހިދުމަތް ދޭ ބޭންކަށް ވާއިރު، މިފަދަ މަޝްރޫއެއްގެ ސަބަބުން ރައްޔިތުންނަށް މާލީ ގޮތުން އުފުލަން ޖެހިފައިވާ ދަތިތަކަށް ހައްލުލިބުން ވެގެންދާނި އެރައްޔިތުން، ބޭންކުގެ ކަސްޓަމަރުންނަށް ލިބޭ ތަނަވަސް ކަމާއެކު ބޭންކަށްވެސް އޭގެ މަންފާ ލިބިގެންދާނެ ކަމަކަށް"

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް

އެތަކެއް އަހަރުތަކެއް ވަންދެން މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ ޑިމާންޑު ބޮޑުވަމުން އައި ނަމަވެސް ބޯހިޔާވަހިކަމުގެ ފުރުސަތުތައް ތަނަވަސްވެފައި އޮތީ މަދު މިންވަރަކަށް ކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ އޭގެ ބުރަ ބައެއް ރައްޔިތުންނަށް އުފުލަންޖެހިފައިވާ ކަމަށެވެ.

އޭގެ ސަބަބުން އެތައް އާއިލާ އަކަށް މާލީ ގޮތުންނާއި، އިޖްތިމާއީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިލާންޖެހިފައިވޭ، އެހެން ކަމުން ބޯހިޔާވެހި ކަމުގެ ޑިމާންޑާއި ސަޕްލައިއާ ދެމެދު އޮތް ފަރަގު ކުޑަކުރުމަކީ މިއަދު ގައުމީ ފެންވަރުގައި ކުރަންޖެހިފައިވާ އެންމެ މުހިންމު މަސައްކަތްކަން ސަރުކަރަށް ވިސްނި ވަޑައިގެން އެ ފިޔަވަޅުތައް އެގެންދަވަނީ އަޅުއްވަމުން. އަދި މިފަދަ މަޝްރޫއުތަކަށް އިންވެސްޓްކުރުމަކީ އިގްތިސާދީ ދުވެލި ހަލުވިވެ އިމާރާތްކުރުމުގެ ދާއިރާއަށް އިތުރު ދިރުމެއް ލިބި އެތައް އާއިލާތަކަކަށް އަތްފޯރާ އަގެއްގައި އަމިއްލަ ބޯހިޔާވަހިކަމެއް ކަށަވަރުވެ، އަދި މުޖުތަމައަށް އެކި ގޮތްގޮތުން ކުރިއެރުން ލިބިގެންދާނެ ކަމެއް."

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް

އެ މަޝްރޫއުގެ މަސައްކަތްތައް ހަވާލުކޮށްފައި ވަނީ އެފްޑަބްލިޔު ކޮންސްޓްރަކްޝަނާ ކަމަށް ވީއިރު، މި މަޝްރޫއުގެ ދަށުން އަޅާނީ 3 ކޮޓަރީގެ 182 އެޕާޓްމަންޓެވެ. އެއީ 900 އަކަފޫޓުގެ ފްލެޓުތަކެކެވެ.

ވިލިމާލެ އާއި ހުޅުމާލެ 1 އަދި 3 ގައި 3،260 ފްލެޓު، ހެޔޮ އަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ބީއެމްއެލްއާ ހަވާލުކޮށްފައިވާ އެ މަޝްރޫއުގެ ދަށުން އިމާރާތްކުރާނެ އެވެ.

އޭގެ ތެރެއިން ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލުކޮށްގެން ހުޅުމާލޭގައި އިމާރާތްކުރާ 1،224 ހައުސިން ޔުނިޓްގެ ބިންގާ ވަނީ މިފަހުން އަޅައިފަ އެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އާ ހަވާލުކޮށްގެން ވިލިމާލޭގައި އަޅާ 300 ފްލެޓުގެ ބިންގާ އަޅާފައެވެ.

އެ މަޝްރޫއުގެ ދަށުން 1،190 ފްލެޓު އަޅަން ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)އާއި 364 ފްލެޓު އެޅުމަށް އަމީން ކޮންސްޓްރަކްޝަނާ ވެސް ހަވާލުކޮށްފައިވެ އެވެ.

އެ ހުރިހާ ފްލެޓުތަކެއްގެ މަސައްކަތް ހަވާލުކުރީ 2028 ގެ މެދުތެރެއަށް ނިންމާ ގޮތަށެވެ. އަދި ބީއެމްއެލް އިން ނިންމާފައިވަނީ ހައުސިން ޔުނިޓްތައް ހަދައި، ލީސް-ޓު-އޯން (ކުލި ދައްކައި ހަލާސް ކުރުމުން މިލްކުވުން) މޮޑެލްގެ ދަށުން އާންމުންނަށް ހުޅުވައިލުމަށެވެ.