ރާއްޖެއަށް ކޮންމެވެސް ވަރަކަށް ޑައިރެކްޓް ފްލައިޓްތައް ފަށާފައިވާކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވަޒީރު ސައީދު ވިދާޅުވީ، 4 މާރިޗުން ފެށިގެން ޔޫއޭއީން ރާއްޖެއަށް ކޮންމެވެސް ވަރަކަށް ޑައިރެކްޓް ފްލައިޓްތައް ފަށާފައިވާ ކަމަށެވެ.

ސައީދު ވިދާޅުވީ، އެ ގައުމުން އަންނަ ކާގޯވެސް އިތުރުވަމުން އަންނަ ކަމަށާއި ކަނޑުމަގުން ރާއްޖެއަށް އެތެރެ ކުރާ މުދަލަށް އަދި މާބޮޑު އަސަރެއް ކޮށްފައިނުވާ ކަމަށެވެ.

މީގެ އިތުރުން ރާއްޖެއަށް މުދާ އެތެރެ ކުރުމަށް އިތުރު މަގުތައް ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު އޭގެ ކާމިޔާބީތައްވެސް ފެންނަމުންދާ ކަމަށް ސައީދު ވިދާޅުވިއެވެ. އެގޮތުން ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެ ކުރާ ގައުމުތައް ބަލައި އެހެން މާކެޓްތައްވެސް ދިރާސާ ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ރާއްޖެއަށް އެންމެ ގިނައިން އަސާސީ މުދާ އެތެރެ ކުރާ ޤައުމުތަކަށް ބަލައި އެ ބާވަތްތައް އެހެން މާކެޓްތަކުން އެތެރެ ކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ދަނީ ކުރަމުން. އޭގެތެރޭގައި އިންޑިއާ، ޗައިނާ، ތައިލޭންޑް، މެލޭޝިއާ، ވިއެޓްނާމް، އިންޑޮނޭޝިއާ ފަދަ ގައުމުތައް ހިމެނޭ. އޭގެތެރޭގައި މިވަގުތު އަޅުގަނޑުމެންނަށް ވިޔަފާރީގެ ގުޅުންތައް މާބޮޑަށް ޤާއިމްކުރެވިފައި ނެތް ބައެއް މާކެޓްތަކާއިއެކު މިދަނީ މިހާރުން މިހާރަށްވެސް ސަރުކާރުން އެ ފަރާތްތަކާއި ވާހަކަ ދައްކައިގެން ގުޅުންތައް ގާއިމް ކުރުމުގެ މަސައްކަތްތައް ކުރަމުން."

އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުހައްމަދު ސައީދު

ސައީދު ވިދާޅުވީ މި މަސައްކަތްތަކުގެ ދަށުން މުދާ އުފުލޭނެ އައު މަގުތަކެއް މި މާކެޓްތަކުން އުފެދިގެން އަންނާނެ ކަމަށެވެ.

މީގެއިތުރުން ވަޒީރު ސައީދު ވިދާޅުވީ، އިމާރާތް ކުރުމުގެ ސިނާއަތައް ދިމާވެފައިވާ ދަތިތައްވެސް ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި މި ސިނާއަތައް ދިމާވެފައިވާ ގޮންޖެހުންތައް އޮޅުންފިލުވާފައިވާ ކަމަށެވެ.

އެސްޓީއޯ މެދުވެރިކޮށް ކަނޑުމަގުން ދަތުރު ކުރާ ބޯޓުތައް އޮޕަރޭޓް ކުރާ ފަރާތްތަކާއިއެކުވެސް މަޝްވަރާ ކުރަމުންދާ ކަމަށާއި، ސަރުކާރުން ކުރަމުން ގެންދަވާ މަސައްކަތްތަކަކީ އަސާސީ މުދަލުގެ ކަށަވަރުކަން ގާއިމްކުރުމުގެ މަސައްކަތް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ތެޔޮ ރައްކާކުރާނެ ކެޕޭސިޓީ އިތުރު ކުރުމަށްވެސް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި ބޭރު ދުނިޔޭގައި ތަކެތީގެ އަގަށް އަންނަ ބަދަލުތައްވެސް ވަރަށް ގާތުން ބަލާ މޮނިޓަރު ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.