ކ. ކާށިދޫގައި ފުލުހަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލަ ކްރިމިނަލް ކޯޓުން ދެވަނަ ފަހަރަށް ބެލުމަށް ފަހު ވެސް، މުހައްމަދު ސަމާހުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް މިއަދު ކަނޑައަޅައިފިއެވެ.

ޕީޖީ އޮފީހުން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނީ 2012 ވަނަ އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހު، ރަސްމީ ޑިއުޓީ އަދާކުރަމުން ގެންދަނިކޮށް ޕޮލިސް ސާޖަންޓު އާދަމް ހަލީމަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލާގައި، ކ. ކާށިދޫ، ސުވާސާގެ، މުހައްމަދު ސަމާހުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ސާބިތުވާކަމަށް މިއަދު، ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާ ކަމަށެވެ.

މި މައްސަލާގައި މުހައްމަދު ސަމާހުގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެންމެ ފުރަތަމަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާނީ 29 ޖުލައި 2012 ގައެވެ. އެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި 14 ޖަނަވަރީ 2013 ދުވަހު، މުހައްމަދު ސަމާހު މެރުމަށް އެކޯޓުން ހުކުމްކޮށްފައިވާއިރު، އެ ހުކުމަކީ ނިހާއީ ހުކުމެއްކަން ކަށަަވަރުކުރުމަށް ރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، މުހައްމަދު ސަމާހު މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ އެއްގޮތަށްކަމަށް 30 ސެޕްޓެންބަރު 2020 ދުވަހު އެ އެކޯޓުން ނިންމާފައިވެއެވެ.

އެ ނިންމުން މުހައްމަދު ސަމާހުގެ ފަރާތުން ރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން، ކްރިމިނަލް ކޯޓާއި ހައިކޯޓުގެ ހުކުމް ބާތިލުކޮށް، މައްސަލަ އަލުން ބެލުމަށް ދަށު ކޯޓަށް ތަހްވީލުކުރުމަށް 23 ސެޕްޓެންބަރު 2024 ދުވަހު ނިންމާފައިވެއެވެ.

މި ހާދިސާގެ މައްސަލަ ދެވަނަ ފަހަރަށް ބަލަން ޖެހުނީ، ސުޕްރީމް ކޯޓުގެ ހުކުމަކާއެކުއެވެ. ސަމާހުގެ މައްޗަށް ކުށް ސާބިތުވެ، އޭނާ މެރުމަށް، 2013 ވަނަ އަހަރު ހުކުމް ކުރިއެވެ. އެ ހުކުމް، ހައިކޯޓުންވެސް ދަމަހައްޓާފައިވަނިކޮށް، އަލުން މައްސަލަ ބަލަން އެންގީ ސުޕްރީމް ކޯޓުންނެވެ.

ކްރިމިނަލް ކޯޓުން މައްސަލަ އަލުން ބެލުމަށްފަހު، މި މައްސަލާގައި މުހައްމަދު ސަމާހުގެ މައްޗަށް ކޮށްފައިވާ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ސާބިތުވާކަމަށް މިއަދު، 29 މާރިޗު 2026 ގައި ހުކުމްކޮށްފައިވެއެވެ.

ސުޕްރީމް ކޯޓުގައި އެ މައްސަލައިގެ ހުކުމް އިއްވަމުން އޭރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ މީހަކު ކުށަކަށް އެއްބަސް ވިޔަސް، އެ މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމޭނީ އެ މީހަކު ދައްކާ ވާހަކަތައް އެއްވެސް ޝައްކެއް ނެތް މިންވަރަށް ކަށަވަރު ކުރުމަށްފަހު ކަމަށެވެ.

މީގެ އިތުރުން ހައްދުގެ މައްސަލަތަކުގައި ކީރިތި ރަސޫލާ ވެސް އެގޮތަށް އަމަލު ކުރެއްވި ކަމަށް ސުޕްރީމް ކޯޓުގެ ނިންމުމުގައި ބުނެފައިވެއެވެ. ނަމަވެސް ސަމާހު ކުށަށް އެއްބަސްވިއިރު، ހަމަލާދިން ކަމަށް އެއްބަސްވި ނަމަވެސް ހަމަލާދިނީ ގަސްދުގައި މީހަކު މެރުމުގެ ނިޔަތުގައި ނޫން ކަމަށް އޭނާ ބުނެފައިވާ ކަމަށް ހުކުމުގައިވެއެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުން ބެއްލެވީ ފަނޑިޔާރު ހުސްނުއްސުއޫދުގެ އިތުރުން ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ އިތުރުން ކުރީގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.

ސަމާހު އެއްބަސްވީ ބިރު ދައްކައިގެން ކަމަށް އޭނާ ބުނުމާއި ސަމާހު ވެފައިވާ އިއުތިރާފްގެ ބޭރުން އިތުރު ހެއްކެއް ހުރިތޯ ބެލުމަށް ފަހު އެ މައްސަލަ އަލުން ބަލަން ކްރިމިނަލް ކޯޓަށް ފޮނުވަން ޖެހޭ ކަމަށް ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެއެވެ.

ސުޕްރީމް ކޯޓުގެ ހުކުމާއެކު، އަލުން މައްސަލަ ބަލައި ސަމާހުގެ މައްޗަށް ކުށް ސާބިތުވިނަމަވެސް މި މައްސަލައިގެ ހުކުމް އިއްވުން އޮންނާނީ ފަހުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހަފުތާގައި އޭނާގެ މައްޗަށް ހުކުމް އިއްވާނެއެވެ.

މުހައްމަދު ސަމާހުގެ މައްޗަށް އަދަބު ކަނޑައެޅުމަށްޓަކައި، ސާޖަންޓު އާދަމް ހަލީމްގެ ވާރިސުންގެ ހެކިބަސް ނެގުމުގެ އަޑުއެހުމެއް 2 އެޕްރީލް 2026 ދުވަހު ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވާކަމަށް ޕީޖީން ބުނެއެވެ.