މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ފަތުރުވެރިންގެ އަދަދު ނިސްބަތުން ދަށްވެފައިވާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ތާރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކުރާ އަސަރު ކުޑަކުރުމަށް އެކުލަވާލާފައިވާ ކޮމިޓީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން 30 އިންސައްތަ ފަތުރުވެރިން އަންނަނީ މެދުއިރުމަތީގެ އެއާލައިންތަކުން ކަމަށެވެ.

ވަޒިރު ވަނީ ފަތުރުވެރިކަން ކުރިއަރުވަން ކުރާ މަަސައްކަތްތަކުގެ ތަފްސީލު ހިއްސާކުރައްވާފައެވެ. އެގޮތުން ފަތުރުވެރިންނަށް ވިސާގެ މުއްދަތު އިތުރުކުރުމުގެ ފަސޭހަ އިންތިޒާމްތަކެއް އަންނަމަހުގެ 1 ވަނަ ދުވަހުން ފެށިގެން ހަމަޖެހިގެންދާނެ ކަމަށްވަޒީރު ވިދާޅުވިއެވެ.

ފަތުރުވެރިންނަށް ދޫކުރާ ވިސާގެ މުއްދަތަކީ 30 ދުވަސް ކަމަށާއި، އެ މުއްދަތަށްވުރެ އިތުރަށް ރާއްޖޭގައި މަޑުކުރަން ޖެހޭ ހާލަތްތަކުގައި ފަތުރުވެރިންނަށް އެކަން ކުރެވޭނެ ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމަށް އިމިގްރޭޝަނާއެކު ގިނަ މަސައްކަތަކެއް ކުރަމުން އަންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ވިސާގެ މުއްދަތު އިތުރުކުރެވޭނެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސާ އެޕްރީލް 1 އިން ފެށިގެން އެ ހިދުމަތަށް އެދި ހުށަހެޅޭނެ އިންތިޒާމް ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށެވެ.

"ކުރީގަ އޮންނަ ދިގު މުއްދަތު އަދި ހުށަހަޅަންޖެހޭ ބައިވަރު ޑޮކިއުމަންޓްސްތައް ހުށަނާޅާ، އެބޭފުޅުންގެ އޮންލައިން ޕްލެޓުފޯމުން، ވިސާ ފޮޓޯ އެޕްލައިކޮށް، ފައިސާ ދެއްކީމަ، 48 ގަޑިއިރުތެރޭގައި ވިސާ އެކްސްޓެންޑުކުރެވިގެންދާނެ،"

ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ތާރިގު އިބްރާހިމް

ވަޒީރު ތާރިގު މީގެކުރިން ވަނީ، ރިމޯޓް ވޯކައަށް ހާއްސަ ވިސާއަކާއެކު ކޮންޓެންޓު ކްރިއޭޓަސްއަށް ހާއްސަ ވިސާއެއް ތައާރަފް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވެފައެވެ. މި މަސައްކަތާއެކު ގެސްޓުހައުސް ވިޔަފާރި ކުރާ ފަރާތްތަކަށް އެކަމުގެ ފައިދާކުރާނެ އެވެ.