ކެންގަރޫ ކިޑްސް އާއި ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލްގެ ޑްރީމް ކެމްޕަސްގެ ޕްލޭގްރައުންޑް ބޮޑުކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ނިންމައި، އެތަން ހުޅުވައިފި އެވެ.

އެ ސްކޫލްގެ ޕްލޭ ގްރައުންޑް ހުޅުވުމަށް ހާއްސަ ދަންމަރެއް ވަނީ ރޯކޮށްފަ އެވެ. އެ ދަންމަރު ރޯކުރައްވައި، އެ ތަން ހުޅުއްވައި ދެއްވީ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުއްރައްޒާގް އިބްރާހިމާއި އައިލެންޑާސް އެޑިއުކޭޝަން އަދި ލައިޓްހައުސް ލާނިން ގްރޫޕުގެ އިސްވެރިންނެވެ.

ކެންގަރޫ ކިޑްސްއިން އަލުން ތަރައްގީކޮށް ހުޅުވި ޕްލޭގްރައުންޑް ވަނީ ކުރިން އޮތް ސައިޒަށް ވުރެ ތިންބައިކުޅަ ދެ ބައި އިތުރަށް ބޮޑުކޮށްފަ އެވެ. އެއީ ރައްކާތެރިކަމާ އެކު ކުޅެ، ކުޅިވަރުގެ އެންމެ ފުރިހަމަ ތަޖުރިބާ ހޯދޭނެ ތަނަކަށް ހެދުމަށް، އެތަން ވަނީ ދެ ބަޔަކަށް ބަހައިފަ އެވެ.

ކެންގަރޫ ކިޑްސްގެ ޕްލޭގްރައުންޑު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ލައިޓްހައުސް ލާނިން ގްރޫޕުގެ ހެޑް އޮފް އޮޕަރޭޝަންސް، ސުދަރްޝާން ޝެޓީ ވިދާޅުވީ އެ ޕްލޭގްރައުންޑަކީ މިހާރު މާލޭގައި އޮތް އެންމެ ބޮޑު ޕްލޭގްރައުންޑު ކަމަށެވެ. އެ ތަން މިހާރަށް ވުރެ ފުރިހަމަ ކުރުމަށް ޕްލޭގްރައުންޑު ތަރައްގީ ކުރުމުގެ ފޭސް 2 ގެ މަސައްކަތްތައް ކުރަން ހަމަޖެހިފައިވާ ކަމަށް ވިދާޅުވި އެވެ.

އެގޮތުން ފޭސް 2 ގެ ދަށުން އަތްވާއި ވާރޭއިން ހިޔާކޮށްދޭނެ ރޫފެއް ހެދުމާއި އެތަނުގެ ދެ ޕްލޭ އޭރިއާ ދެމެދުގައި ސޭފްޓީނެޓެއް ހެދުމާއި އެތަން ފުރިހަމަ ކުރުމަށް ބޭނުންވާނެ އިތުރު ފީޗާތައް އިންސްޓޯލް ކުރުމުގެ މަސައްކަތްތައް ކުރަން ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކެންގަރޫ ކިޑްސްގެ ޕްލޭގްރައުންޑް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ސްކޫލުގެ ކުރީގެ ދަރިވަރުންނާއި މިހާރުގެ ދަރިވަރުންގެ ހާއްސަ ގޭމުތަކެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އަދި އެ ސްކޫލުގެ އެސްކޭޖީ ދަރިވަރުންގެ ހާއްސަ ހުށަހެޅުމެއްގެ އިތުރުން ކެންގަރޫ ކިޑްސް އާއި ފިންލެންޑް އިންޓަނޭޝަނަލް ސްކޫލުގެ ބެލެނިވެރިންގެ މެދުގައި ހާއްސަ ފުޓްސަލް މެޗެއް ވެސް އެ ތަނުގައި ވަނީ ކުޅެފަ އެވެ.

ކެންގަރޫ ކިޑްސްގައި ހުޅުވި ޕްލޭގްރައުންޑަކީ އެ ސްކޫލުގެ އިތުރުން ފިންލެންޑް އިންޓަނޭޝަނަލް ސްކޫލްގެ ދަރިވަރުން ވެސް ބޭނުން ކުރާނެ ތަނެކެވެ. އަދި ކެންގަރޫ ކިޑްސްއިން 2015 ވަނަ އަހަރު ކިޔަވައިދިނުން ފެށިއިރު ވެސް، އެ ސްކޫލުގެ އޭރުގެ ޕްލޭގްރައުންޑަކީ ވެސް ރާއްޖޭގެ ޕްރީސްކޫލްތަކުގެ އެންމެ ބޮޑު ޕްލޭގްރައުންޑުތަކުގެ ތެރޭގައި ހިމެނޭ ތަނެކެވެ. އެތަން އޭރު ވެސް އެ ސްކޫލުން ފަރުމާކުރީ ކުދިންގެ ކްރިއޭޓިވިޓީ އާއި ޑިވަލޮޕްމަންޓަށް ބޭނުންވާ ހުނަރު ތަރައްގީކުރެވޭނެ ތަނެއްގެ ގޮތަށެވެ.