ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން ގޫގުލް، ޑީ ވީ.360، ޔޫޓިއުބް އަދި މެޓާ (ފޭސްބުކް އަދި އިންސްޓަގްރާމް) މެދުވެރިކޮށް ރާއްޖެ އިޝްތިހާރު ކުރުމުގެ ފުޅާ ކެމްޕޭނެއް ފަށައިފިއެވެ.
ވީއެމްސީން ބުނީ، "ސީޒޭޝަނަލް ސަމަރ" ގެ ނަމުގައި ކުރިއަށްގެންދާ މި ޑިޖިޓަލް ކެމްޕޭނަކީ، ކުރިއަށް އޮތް އޭޕްރީލް، މޭ، ޖޫން އަދި ޖުލައި މަހު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް އަމާޒުކޮށްގެން ހިންގާ ހަރަކާތެއް ކަމަށެވެ.
މި ކެމްޕޭނުގެ މައިގަނޑު މަގްސަދަކީ ޗުއްޓީ ހޭދަކުރުމަށް އިންޓަނެޓު މެދުވރިކޮށް ހޯދާ ފަރާތްތަކާއި، "ލާސްޓް މިނިޓް" ބުކިންގް ހަދާ ފަރާތްތަކުގެ ސަމާލުކަން ރާއްޖެއަށް ހޯދުމަށް ކުރިޔަށް ގެންދާ ކެމްޕޭނެއް ކަމަށް ވީއެމްސީން ބުނެއެވެ.
ވީއެމްސީން ބުނީ، މި އިސްނެގުމުގެ ދަށުން ބޮޑަށް އިސްކަންދެނީ ރާއްޖެއާ ކައިރި މާކެޓްތަކަށާއި ދަތުރުފަތުރުގެ ގުޅުން ބަދަހި ސަރަހައްދުތަކަށް ކަމަށެވެ. އަދި މެދުއިރުމަތީގެ މިހާރުގެ މަސްރަހަށް ރިއާޔަތްކޮށް، މި ކެމްޕޭނުގައި ބޮޑަށް އިސްކަންދެނީ ދަތުރުފަތުރުގެ ޑިމާންޑް އެއްވަރެއްގައި ހިފެހެއްޓިފައިވާ އިގްތިސާދީ ގޮތުން ކުރިއަރާފައިވާ ގައުމުތަކަށް ކަމަށް ވެސް ވީއެމްސީން ބުނެއެވެ.
އެގޮތުން، އިންޑިއާ، ޗައިނާ، އަދި ރަޝިއާ އަށް ހާއްސަކޮށްގެން "ހައިޕަރ-ޓާގެޓެޑް" މެސެޖުތައް ފޮނުވުމުގެ އިތުރުން، ސީ.އައި.އެސް (CIS) އަދި އޭސިއާން (ASEAN) ގައުމުތަކަށް އަމާޒުކޮށްގެން ސަރަހައްދީ ކެމްޕޭންތައް ކުރިއަށްދާނެ ކަމަށް ވީއެމްސީން ބުނެއެވެ.
ވީއެމްސީން ބުނީ، މި ކެމްޕޭނުގެ ޒަރީއާއިން 100 މިލިއަން މީހުންނަށް ރާއްޖޭގެ މައުލޫމާތު ފޯރުކޮށްދިނުމަށް ވަނީ އަމާޒު ހިފާފައި ކަމަށާއި، މިކަން ހާސިލުކުރުމަށްޓަކައި ސޯޝަލް މީޑިއާގައި ދެ މަރުހަލާއެއްގެ ސްޓްރެޓެޖީއެއް ބޭނުންކުރެވޭނެ ކަމަށެވެ.
އެގޮތުން އެއީ އަޕަރ ފަނަލް ކަމަށްވާ މީހުންގެ ޝައުގުވެރިކަމާއި އުޅުމަށް ބަލައިގެން، ރާއްޖެއާ ބެހޭ ހޭލުންތެރިކަން އިތުރުކުރުމާއި، މިޑް ފަނަލް ކަމަށްވާ މީގެ ކުރިން ރާއްޖޭގެ ޕްލެޓްފޯމްތަކަށް ޒިޔާރަތްކޮށްފައިވާ "ވޯމް އޯޑިއަންސް" އަށް ރީމާކެޓިންގް އުކުޅުތައް ބޭނުންކޮށްގެން ބުކިންގް ހެދުމަށް ބާރުއެޅުމެވެ.
މި ކެމްޕޭނާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވީ.އެމް.ސީގެ ސީ.އީ.އޯ އިބްރާހީމް ޝިއުރީ ވިދާޅުވީ، މި ކެމްޕޭނުގެ ސަބަބުން ހަމައެކަނި ރާއްޖެ އިޝްތިހާރު ކުރުމުގެ ބަދަލުގައި، ސީދާ ފަތުރުވެރިން ރާއްޖެ އައުމަށް ބާރުއެޅުމަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި ޒަމާނީ އެޑް-ޓާގެޓިންގް ބޭނުންކޮށްގެން، ފަތުރުވެރިންނަށް ރާއްޖޭގެ ހިތްގައިމު ހުށަހެޅުންތައް ފެންނާނެ ގޮތް ހަދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ވީއެމްސީން އިތުރަށް ބުނީ، މި ކެމްޕޭނަކީ ގޫގުލްގެ ސާޗް ޑޭޓާ، ޑީ.ވީ.360 ގެ ޕްރޮގްރެމެޓިކް ގާބިލުކަން، އަދި މެޓާގެ ސޯޝަލް ނެޓްވޯކްތައް ގުޅުވާލައިގެން ހިންގާ މަސައްކަތެއް ކަމަށާއި، މި ކެންޕޭނުގެ ބޭނުމަކީ އޭޝިއާ އަދި ސީ.އައި.އެސް ސަރަހައްދުގެ ފަތުރުވެރިން ޗުއްޓީއަށް ހޭދަކުރާ ތަނެއް އިހްތިޔާރުކުރުމުގައި، ރާއްޖެއަކީ އެންމެ ރަނގަޅު މަންޒިލްގެ ގޮތުގައި އިހްތިޔާރު ކުރުވުން ކަމަށެވެ.