ޕާކިސްތާނުގެ 20 ބޯޓަކަށް ހޯރްމޫޒް ކަނޑުއޮޅި ހުރަސްކުރުމުގެ ހުއްދަ އީރާނުންދީފިއެވެ.

މިކަންހާމަކުރައްވާ ޕާކިސްތާނުގެ ޚާރިޖީ ވަޒީރު އިސްޙާޤް ދާރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް އާއި ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯގެ އިތުރުން އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ޓެގްކުރައްވާ ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ދުވާލަކު ޕާކިސްތާނުގެ ދެ ބޯޓަށް ހޯރްމޫޒް ކަނޑުއޮޅި ހުރަސްކުރެވޭނެ ކަމަށެވެ.

މިގޮތުން މިއީ ސުލްޙަޔަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ޕާކިސްތާނުގެ ބޯޓުތަކަށް ހޯރްމުޒް ކަނޑުއޮޅި ހުރަސްކުރުމުގެ ހުއްދަ ދީފައި މިވަނީ މިދިޔަ ހަފްތާގައި އީރާނުން ޕާކިސްތާނުގެ ދިދަ ޖަހާފައިވާ 10 ބޯޓު ސްޓްރޭޓް އޮފް ހޯރްމުޒް މެދުވެރިކޮށް އެމެރިކާއަށް "ހަދިޔާއެއްގެ ގޮތުގައި" ދިން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނިކޮށެވެ.

ހޯރްމޫޒް ކަނޑުއޮޅިއަކީ ދުނިޔޭގައި އުފައްދާ ތެލުގެ ބޮޑު ބައެއް އެ ސަރަހައްދުން ބޭރުކުރާ މައި މަގެވެ.

އަދި މި ކަނޑުއޮޅިއަކީ މެދުއިރުމަތިން ދުނިޔޭގެ ބާޒާރަށް ތެޔޮ ފޯރުކޮށްދޭ އެންމެ މުހިންމު އެއް ކަނޑުއޮޅިއެވެ.

އެ ކަނޑުއޮޅީގެ ބާރު އީރާނުން ގެންގުޅޭއިރު، އެތަން ބަންދުކޮށްފައިވަނީ އެމެރިކާއާއި ގުޅިގެން އިސްރާއީލުން އެ ގައުމަށް ދެމުން އަންނަ ހަމަލާތަކާއި ގުޅިގެންނެވެ. މި މަހުގެ 28 ވަނަ ދުވަހު ދިން އެ ހަމަލާތަކުގައި އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނަށް ދިން ޙަމަލާތަކެއްގައި އީރާނުގެ ރޫޙާނީ ލީޑަރު އާޔަތު ﷲ އަލީ ޚާމަނާއީވެސް ވަނީ އަވަހާރަކޮށްލާފައެވެ.

އީރާނުން ހޯރްމޫޒް ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން އެ ކަނޑުއޮޅީގެ ދަތުރުފަތުރު 90 އިންސައްތަ ދަށަށް ގޮސް، ދުނިޔޭގެ އިޤްތިޞާދަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފައެވެ.