ހުޅުމާލޭގައި ޖުމުލަ 7 ޕާކިން ބިލްޑިންގް ތަރައްޤީކުރުމުގެ މަސައްކަތް އެކި މަރުހަލާގައި ފަށާފައިވާކަމަށް ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ، ޕާކިން ބިލްޑިންގްތަކާއެކު، މަގުތަކަށް އަމާންކަން ލިބި އަދި ޖާގަ ނެތުމުގެ ސަބަބުން ވެހިކަލް ރެޖިސްޓަރކުރަން ދިމާވެފައިވާ މައްސަލައަށް ހައްލެއް ލިބޭނެކަމަށެވެ.
މިއަދު ބިންގާ އަޅާފައިވަނީ މީގެތެރެއިން ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި އަޅާ އެއް އިމާރާތުގެ މަސައްކަތްތުގެއެވެ. ވަޒީރު ވިދާޅުވީ ހުޅުމާލެ ފޭސް1ގައި 3 ޕާކިން އިމާރާތް އަދި ފޭސް 2 ގައި 4 ޕާކިން އިމާރާތްކުރާނެކަމަށެވެ. ބާކީ ހުރިހާ އިމާރާތްތަކުގެ މަސައްކަތްވެސް ފެށުމުގެ މަރުހަލާގައި ވާކަމަށް ވަޒީރު އަމީން ވިދާޅުވިއެވެ.
މި އިމާރާތުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އުޅަނދު ޕާކުކުރުމަށް ޚާއްސަ ޖާގަ ހިމެނެއެވެ. ހުޅުމާލޭގައި ބިންގާއެޅި އިމާރާތަކީ 13 ފަންގިފިލާގެ އިމާރާތެކެވެ.
ވަޒީރު އިތުރަށް ވިދާޅުވީ މިއީ އެންމެ ޒަމާނީ ޕާކިން ނިޒާމެއްކަމަށާއި، މަގުތަކުގައި ހިނގާބިނގާވެ އުޅޭ މީހުންނާއި ދުއްވާ މީހުންނަށްވެސް މީގެ ބޮޑު ފަސޭހައެއް ލިބިގެންދާނެކަމަށެވެ. އަދި މިއީ މަގުތަކުގެ އަމާންކަން ކަށަވަރުކުރުމަށްވެސް ކުރެވޭ ބޮޑު މަސައްކަތެއްކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.