ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އައު އިމަޖެންސީ ރޫމް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ހުޅުވައިދެއްވައިފިއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އައު އިމަޖެންސީ ހުޅުވައިދެއްވުމަށްފަހު ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވަނީ އީއާރްގެ ހިދުމަތްތައް ބައްލަވައިލައްވާފައެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުގައި އަލަށް ހުޅުވިގެންދިޔަ އައު އިމަރޖެންސީ ރޫމަކީ ޖާގައިގެ ގޮތުން ތަނަވަސް ޒަމާނީ ފެންވަރުގެ ވަސީލަތްތަކާއެކު 6 އެނދުގެ މައްޗައް އެކުލެވޭ އަދި ޕްރޮސީޖަރ ރޫމަކާއި ސްޓާފް ލައުންޖެއް ހިމެނޭހެން ބަލިމީހުންނަށް ފަސޭހަކަމާއެކު ހިދުމަތް ލިބޭނެހެން ތަރައްގީކޮށްފައިވާ ފެސިލިޓިއެކެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުގައި އިމަރޖެންސީ ފަރުވާ ދެމުންދިޔައީ އިމާރާތުގެ އެތޭރޭގައި އޮންނަ ވޯޑެއްގައި ވީނަމަވެސް އައު އީއާރްގެ ހިދުމަތާއެކު ސީދާ އިމަރޖެންސީ ރޫމްގެ ވަންނަ ދޮރާ ހަމައަށް އެމްބިއުލާންސް ކައިރި ކުރެވި ކުއްލި ހާލައްތަކުގައި ބަލި މީހާއަށް ދެވޭ ފަރުވާ އަވަސްވެ ހިދުމަތްދިނުމުގައި ލުއިފަސޭހަކަމެއް ލިބިގެންދާނެއެކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ ހދ. އަތޮޅާއި އެރަށާއި ކައިރި އެހެން އަތޮޅުތަކުގެ ރައްޔިތުންވެސް ހިދުމަތަށް ބަރޯސާވާ ހޮސްޕިޓަލެކެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ތިން މަހު އެކަނިވެސް ހޮސްޕިޓަލްގެ އީއާރްއިން 1679 މީހުންނަށް ފަރުވާ ދީފައިވެއެވެ. މިދިޔަ އަހަރު ޖުމުލަ 6591 މީހުންނަށް އީއާރްއިން ފަރުވާ ދީފައިވެއެވެ.