ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތުގެ ތެރެއިން 35 ހެކްޓަރުގެ ބިން މިހާތަނަށް ހިއްކާ ނިންމާލާފައިވާކަމަށް އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.
ސީއީއޯ މިފަދައިން ވިދާޅުވީ، ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ގޮތް، ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އިއްޔެ ކުރެއްވި ޒިޔާރަތުގައި މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައެވެ.
ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ގޮތް، ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެ ސަރަޙައްދަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ދެންނެވުމުގައި އިސްކޮށް ހުންނެވީ އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ އިބްރާހީމް ޝަރީފް މުޙައްމަދެވެ. މީގެ އިތުރުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ރައީސް އޮފީހުގެ އިސް ބޭފުޅުންނާއި އެމްއޭސީއެލްގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މާލޭ ރައްޔިތުންނަށް ގޯތި ދޫކޮށްފައިވާ ގިރާވަރުފަޅުން ޖުމުލަ 167.15 ހެކްޓަރު ހިއްކުމަށް ހަމަޖެހިފައިވާއިރު، އެމްއޭސީއެލްއިން ހިއްކަމުންދަނީ މަސައްކަތުގެ ނުނިމި އޮތް 97.15 ހެކްޓަރުގެ ބިމެވެ. މިދިޔަ ސަރުކާރު ނިމުނިއިރު ނިންމާފައި އޮތީ 70 ހެކްޓަރެވެ. މީގެ ތެރެއިން 35 ހެކްޓަރުގެ ބިން މިހާތަނަށް ވަނީ ހިއްކާ ނިންމާފައިކަމަށް އެ ކުންފުނިން ހާމަކުރެ އެވެ.
ގިރާވަރު ފަޅުގެ ބިން ހިއްކަން ފެށިކަން ރައީސުލްޖުމްހޫރިއްޔާ އިއުލާނުކުރެއްވީ، މިއަހަރުގެ ޖަނަވަރީ މަހުގެ 30 ވަނަ ދުވަހުއެވެ. އަދި ގިރާވަރު ފަޅުގެ ބިން ހިއްކުން އެއްފަހަރާ 2 ޑްރެޖަރާއެކު ކުރިޔަށްދާކަން ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު ރައީސް ވަނީ ހާމަކުރައްވާފައެވެ. ގިރާވަރުފަޅުގެ ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދަނީ 35،000 ކިއުބިކް މީޓަރުގެ ކުއީން އޮފް ދަ ނެދަލޭންޑްސް އަދި 22،000 ކިއުބިކް މީޓަރުގެ އޮރެންޖް ނަމަކަށް ކިޔާ ޑްރެޖަރު ބޭނުންކޮށްގެންނެވެ.