ގ. ހިޔާ ރޯދީގައި އަލިފާން ރޯކޮށްލި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ، އިތުރު 30 ދުވަހަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ފުލުހުން މީގެ ކުރިން ބުނީ، 2026 މާރިޗު 18 ވަނަ ދުވަހުގެ ހެނދުނު ގ. ހިޔާރޯދިގޭގެ ފުރަތަމަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ލ. މާބައިދޫ، ސަބުނަމްހައުސް، ޙުސައިން ޝަޙްބާން (29އ) ކަމަށެވެ.

އަދި ފުލުހުން އޭނާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން 2026 މާރިޗު 22 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

މި މައްސަލައިގައި ހައްޔަރުކުރި ޝަޙްބާންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ 5 ދުވަހުގެ މުއްދަތެއް ދީފައެވެ.

އެގޮތުން އެ މުއްދަތު ހަމަވުމުން އިއްޔެ އަލުން ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދު މުއްދަތު 30 ދުވަހަށް ވަނީ އިތުރުކޮށްފައެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވި ނަމަވެސް ފުލުހުން އޭރު ބުނީ މިއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ މައްސަލައެއް ކަމަށެވެ.