ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ހާސިލުވާ ނަތީޖާ މިހާރަށް ވުރެ ރަނގަޅު ވާނެ ކަމަށް ގާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖުލީހުގެ ނާއިބު ރައީސްކަން ކުރެއްވި އަލްއުސްތާޛް ޝާހިީީން ހަމީދު ވިދާޅުވެއްޖެއެވެ.
ގާނޫނުއަސާސީއަށް ގެންނަން ފާސްކޮށްފައިވާ އިސްލާހާއި ގުޅޭގޮތުން ބާ ކައުންސިލުން ބޭއްވި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ތަޖުރިބާކާރު ގާނޫނީ ވަކީލު ޝާހީން ހަމީދު ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ތާއިދު ކުރައްވާ ކަމަށެވެ.
ޝާހީން ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވައިގެން ނުރަނގަޅު މާ ގިނަ ކަންތައްތަކެއް އަންނާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އެ ބަދަލުގެ ނަތީޖާއަކަށް ވެގެންދާނީ އޭނާ ވިދާޅުވި ގޮތުގައި ދައުލަތް ހިންގާ ފަރާތާއި ގާނޫނު ހަދާ ފަރާތް އެއް ދުވަސްވަރެއްގައި ބަދަލުވުމެވެ.
ޝާހީން އިތުރަށް ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކުން އިންތިހާބީ އެއްވެސް ހައްގެއް އުނި ނުވާ ކަމަށެވެ. ގާނޫނުއަސާސީއަށް ގެންނަ ބަދަލަކީ ދެ އިންތިހާބު އެއްކޮށްލުން ނޫން ކަމަށާއި ނަމަވެސް، އެއް ދުވަހެއްގައި ދެ އިންތިހާބު ވެސް ކުރިއަށް ގެންދިޔުން ކަން އޭނާ ފާހަގަކުރެއްވި އެވެ.