މިވަގުތު އެންމެ އިސްކަމެއް ދެނީ ގިރާވަރުފަޅުން ގޯތި ލިބުނު ފަރާތްތަކާއި ގޯތި ހަވާލުކުރުން ކަމަށާއި، 3 ހަފްތާއެއްހާ ދުވަހުގެ ތެރޭ ބިން ހިއްކައި ނިމުމުން އެމަސައްކަތް ކުރިއަށް ގެންދާނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ސަރުކާރުން ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ފެށީ މިއަހަރު ޖަނަވަރީ މަހުގެ ފަހުކޮޅުއެވެ. މިމަސައްކަތް ބާރުމިނުގައި ކުރިއަށްދާއިރު މިމަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގިރާވަރުފަޅަށް ވަނީ ވަޑައިގެންފައެވެ. އަރިހުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ބައިވެރިވެވަޑައިގެންނެވިއިރު، އެތަނުގައި ހުންނަވާ ވަޒީރު ޑރ. މުއްޠަލިބު މިމަސައްކަތް ބާރަށް ކުރިއަށް ގެންގޮސް ނިންމާލުމަށް ސަރުކާރުން އިސްކަމެއް ދެއްވާކަމަށް ވިދާޅުވެފައެވެ.
ގިރާވަރުފަޅުން ގޯތި ދިނުމަށް އެކަށީގެންވާ މިންވަރަށް ބިން ނެތުމާއެކު އިތުރަށް ބިން ހިއްކައި، ގޯތި ލިބިފައިވާ އެންމެނަށް ގިރާވަރުފަޅުން ބިން ލިބޭ ގޮތަށް މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ގިރާވަރުފަޅުން ގޯތި ދޭން ވެގެން ހާދާފައިވާ ލޭންޑް ޔޫޒް ޕްލޭނަކީ މީހުން ދިރިއުޅޭ އަރބަން ސިޓީއަކަށް އެކަށީގެންވާ ގޮތަށް ތައްޔާރުކޮށްފައިވާ ޕްލޭނެއް ނޫން ކަމަށެވެ.
ނިމިދިޔަ ސަރުކާރުގައި ވަނީ ގިރާވަރު ފަޅުން 5000އަށްވުރެ ގިނަ މީހުންނަށް ގޯތި ދޭން ނިންމާ، ލިބޭ މީހުން ކަނޑައަޅާފައެވެ. ނަމަވެސް އެއްވެސް ގޯއްޗެއް ހަވާލުކޮށްފައެއް ނުވެއެވެ. އަދި އެކަމަށް ބޭނުންވާ އެކަށީގެންވާ ބިންވެސް ނެތުމުގެ ސަބަބުން މީގެތެރެއިން، ވަކި އަދަދެއްގެ ގޯތި ވަނީ ގުޅިފަޅަށް ބަދަލުކޮށްފައެވެ. އާ ލޭންޑް ޔޫސް ޕްލޭންގެ ދަށުން، ގެދޮރުވެރިޔަ މަޝްރޫޢުއިން ގިރާވަރު ފަޅުން ދޫކުރަނީ 4072 ގޯއްޗެވެ. ސަރުކާރުގެ އާމާޒަކީ މި ވެރިކަމުގައި، މި ގޯތިތައް ގޭގެ ވެރިންނާ ހަވާލުކުރުމެވެ.