އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، ރަސްމީ ދަތުރުފުޅެއްގައި ސަޢުދީ ޢަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ވަޒީރުގެ މި ދަތުރުފުޅަކީ މަދީނާގައި ކުރިއަށްދާ 'ޢުމްރާ އެންޑް ޒިޔާރާ ފޯރަމް 2026’ގައި ބައިވެރިވެލެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

މި ދަތުރުފުޅުގައި، ހުޅުމާލޭގައި ބިނާކުރުމަށް ހަމަޖެހިފައިވާ ބޮޑު މިސްކިތް ޢިމާރާތް ކުރުމުގެ ފަހުމުނާމާގައި ސަޢުދީ ޢަރަބިއްޔާގެ ކުންފުންޏަކާއި ދެމެދު އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި ރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާއި ދެމެދުވާ ގުޅުން ވަނީ އިތުރަށް ހަރުދަނާވެގެން ގޮސްފައެވެ.

މިގޮތުން ޙައްޖާއި ގުޅޭ ކަންކަމުގައި ސަޢުދީ ސަރުކާރުން އަންނަނީ ދިވެހިރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ދެއްވަމުންނެވެ.

އަދި ސަޢުދީ ޢަރަބިއްޔާގެ ޙައްޖާއި ބެހޭ ވުޒާރާއާއި، އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި ގުޅިގެންވެސް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގައި ހުންނަ ސަޢުދީ ޢަރަބިއްޔާގެ އެމްބަސީއާއި ވުޒާރާއާއި ގުޅިގެންވެސް މުހިއްމު މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.