ވިނަރެސް ފްލެޓްގެ އެޕާޓްމަންޓެއް ލޯންޑްރީ ސަރވިސް ސެންޓަރެއްގެ ގޮތުގައި ބޭނުންކުރާ މައްސަލައެއް ފެންމަތިވެ އެ ލޯންޑްރީ ހުއްޓާލުމަށް އެޗްޑީސީން އެ އެޕާޓްމަންޓްގެ ވެރިފަރާތަށް އަންގައިފިއެވެ.
މިކަމާގުޅިގެން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީން ބުނީ، މި މައްސަލަ އެ ކޯޕަރޭޝަންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އަދި ފިޔަވަޅު އެޅުމުގެ ފުރަތަމަ މަރުޙަލާގައި، އެ މަސައްކަތް ހުއްޓާލުމަށް އެކަން ކުރާ ފަރާތަށް އަންގާފައިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
ލޯންޑްރީ ސެންޓަރެއް ހަދައިގެން ޚިދުމަތްދެމުން ގޮސްފައިވަނީ ވިނަރެސް ޓަވަރުގެ ދެވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމަންޓެއްގައެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން އެ ފްލެޓްގެ ތެރޭގައި ލޯންޑްރީ ޚިދުމަތަށް އެލްޕީޖީ ގޭސް ބޭނުންކޮށްގެން އުފައްދާ އިންޑަސްޓްރިއަލް މެޝިންތަކެއް ބަހައްޓާފައި ހުރި މަންޒަރު ފެނެއެވެ.
މި މައްސަލަ އެޗްޑީސީން އަންނަނީ ބަލަމުންނެވެ.