ހއ. ތުރާކުނު ސިއްޙީ މަރުކަޒަށް އިތުރުކުރި ބައި ހުޅުވައި ބޭނުން ކުރަން ފަށައިފިއެވެ.

ތުރާކުނު ސިއްޙީ މަރުކަޒައް އިތުރުކުރި ބައި ހުޅުވުމަށް މިއަދު އެރަށުގައިވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

އެ ރަސްމިއްޔާތުގައި ތުރާކުނު ސިއްހީ މަރުކަޒަށް އިތުރުކުރި ބައި ހުޅުވައިދެއްވީ ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމާއި، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ.

8 ގަޑިއިރު ޚިދުމަތްދެމުން އަންނަ ތުރާކުނު ސިއްހީ މަރުކަޒުގައި 6 އެނދުގެ ވޯޑެއް ހިމެނޭއިރު ލެބޯޓަރީގެ ޚިދުމަތްވެސް ވަނީ ގާއިމުކޮށްފައެވެ. އަލަށް އިތުރުކުރެވުނު ބައިގައި އޮފީސްބަޔަކާއި ޕަބްލިކް ހެލްތު ރޫމްއަކާއި ސްޓޯރޫމަކާއި މީޓިން ރޫމެއް ވަނީ ޤާއިމްކޮށްފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސިއްހީ ވަޒީރު ވިދާޅުވީ މިކަމަކީ ތަނުގެ މުވައްޒަފުންގެ މަސައްކަތްތަކަށް ލިބޭ ލުއިފަސޭހަކަމެއް ކަމަށެވެ.

އަދި މުވައްޒަފުންގެ މަސައްކަތްތައް ފަސޭހަވުމަކީ ރައްޔިތުންނަށް ދެވޭ ޚިދުމަތް ރަނގަޅުވާނެކަމެއް ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ކުދި އާބަދީގެ ރަށްތަކަށް އިސްކަންދީގެން ސަރުކާރުން މަސައްކަތް ކުރަމުންދާއިރު އެހެން ހިދުމަތްތަކޭ އެއްގޮތައް ސިއްހީ ހިދުމަތްވެސް ފުޅާކުރަމުންދާކަމަށާއި އެކަމުގެ ނަތީޖާ ފެންނަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.