ގދ. މަޑަވެލީގެ ގޮނޑުދޮށް ހިމާޔާތްކުުރުމައި ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މަޑަވެލި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔާތްކުުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށާފައިވަނީ މިއަދު އެރަށުގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ، މަޝްރޫއު ރަސްމީކޮށް ފައްޓަވާދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސެއިން މުޙައްމަދު ލަޠީފްއެވެ.
މި ރަސްމިއްޔާތުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ހަމީދާއި، އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދާއި، ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ މެމްބަރު މުޙައްމަދު ޝަމީޒްއާއި، މަޑަވެލި ކައުންސިލްގެ ރައީސް ފިޔާޒް ހަސަންގެ އިތުރުން، ކައުންސިލް މެމްބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މަޑަވެލި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔާތްކުުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއަށެވެ. އެއީ 174.5 މިލިޔަން ރުފިޔާއަށް 400 ދުވަހުން މަސައްކަތް ނިންމާ ގޮތަށެވެ.
މި މަޝްރޫޢުގެ ދަށުން، 19.17 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 1645 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 120 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެ،ްޓީސީސީން ބުނެއެވެ. އަދި މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކުރިން ކޮންޓްރެކްޓްކޮށްފައިވާ 8.85 ހެކްޓަރުގެ ބިން ހިއްކުމުގެ އިތުރުން، މަޑަވެލީ ފަޅުން 35 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތްތައްވެސް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
2000އަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ މަޑަވެލިއަކީ ޒަމާނުއްސުރެ ބޯހިޔާވަހިކަމުގެ ދަތިކަން ދިމާވެފައިވާ ރަށެކެވެ. އެހެން ކަމުން މިއަދު ފެށިގެންދިޔަ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު، ރަށުގެ ބިން އިތުރުވެ، އެރަށު ރައްޔިތުންގެ ބޯހިޔާވަހިކަމަށް އެދެވޭ ހައްލެއް ލިބޭނެ ކަމަށް އެެމްޓީސީސީން ބުނެއެވެ. މީގެ އިތުރުން، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިމުމުގެ ސަބަބުން އުދައެރުމާއި ރަށް ގިރުމުގެ މައްސަލައަށްވެސް ބޮޑު ހައްލެއް ލިބޭނެ ކަމަށް އެކުންފުނިން ފާހަގަކުރެއެވެ.