މައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން އުޅެނީ ދުސްތޫރީ މަންފާތަކެއް ލިބޭނެތީ ކަމަށް ކުރީގެ ބަންޑާރަނައިބު ފާޠިމަތު ދިޔާނާ ސަޢީދު ވިދާޅުވެއްޖެއެވެ.
ދިޔާނާ މިފަދައިން ވިދާޅުވީ، މައި ދެ އިންތިހާބު ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން 'ޕޮލިސީ އެމްވީ'އިން "ސިޔާސަތު ހާއްސަ"ގެ ނަމުގައި ބޭއްވި ފޯރަމުގައި ވާހަކަ ދައްކަވަމުންނެވެ.
ދިޔާނާ ވިދާޅުވީ، މައި ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ކުރީގެ ބަންޑާރަނައިބުންނާއި ކުރީގެ ރައީސުން ތާއީދުކުރެއްވި ކަމަށެވެ. އެގޮތުން ރިޔާސީ އިންތިހާބާއި ކައުންސިލު އިންތިހާބާއި މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން 2020ވަނަ އަހަރުގެ ކުރީކޮޅު ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ތާއީދުކުރެއްވި ކަމަށާއި، މައި ދެ އިންތިހާބު އެއްކޮށްލަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް މީގެ މަހެއްހާ ދުވަސް ކުރިން ތާއީދުކުރެއްވިކަމަށް ދިޔާނާ ވިދާޅުވިއެވެ.
ދިޔާނާ ވިދާޅުވީ، އެގޮތަށް އެ ހުރިހާ ބޭފުޅުން ވެސް ތާއީދުކުރެއްވީ، މައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުގެ ސަބަބުން ދުސްތޫރީ މަންފާތަކެއް ލިބޭނެތީ ކަމަށެވެ.
އޭގެ ތެރެއިން އެއް މަންފާއެއްގެ ގޮތުގައި ދިޔާނާ ފާހަގަކުރެއްވީ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން، ސަރުކާރު ޖަވާބުދާރީކުރުވޭނެ މަޖިލީހެއް އިންތިހާބުކުރުމުގެ ފުރުސަތު ލިބިގެން ދިއުމެވެ.
މީގެ އިތުރުން ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ހަމަހަމަ މަޖިލީހެއް އިންތިޚާބުކުރުމަށް އޮތް ފުރުސަތެއް ކަމަށްވެސް، ދިޔާނާ ވިދާޅުވިއެވެ. ސަބަބެއް ކަމަށް ދިޔާނާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުވުމަށްފަހު، އެ މުއްދަތުގައި މަޖިލީހަށް މެންބަރުން ހޮވުމަށް ވެރިކަމުގެ ބާރުތަކާއެކު ރައީސުލްޖުމްހޫރިއްޔާ ނިކުތުމުން، ނުފޫޒަށް ރައްޔިތުން ލެނބިގެންދާނެ ކަމަށެވެ.
ދިޔާނާ ދެކެވަޑައިގަންނަވާ ގޮތުގައި ރާއްޖޭގެ މައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ފެންނަ ނުފެންނަ ވޯޓެއް ނަގަން އުޅެނީ އަވަސްއަރުވާލައިގެނެއް ނޫނެވެ. އެ ކަމަށް ބާރު ދެއްވަމުން އޭނާ ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ހިންގުމުގެ ނިޒާމުތަކަށް ބަދަލު ގެންނަވަނީ ފަހަރަކު ކަމަކަށް އިސްކަން ދެއްވާ ތަރުތީބުން ކަމަށެވެ.
އެގޮތުން ލާމަރުކަޒީ ނިޒާމަށް މިދިޔަ އަހަރު ގެނައި ބަދަލުގެ ދަށުން އަތޮޅު ކައުންސިލްތައް އުވާލެއްވުމާއި ލޯކަލް ކައުންސިލްތައް ކުޑަކުރުމާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާއަކީ ފުލްޓައިމް ބޭފުޅެއް ކަަމަށް ހަމަޖެއްސެވުން ހިމެނޭ ކަމަށް ދިޔާނާ ވިދާޅުވި އެވެ.
އޭގެ އިތުރުން ދިޔާނާ ވިދާޅުވީ، ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިހާބުވާ މެމްބަރުން ވަކި ހިސާބަކުން ޕާޓީ ބަދަލުކުރައްވައިފި ނަމަ މަޖިލިހުގެ ގޮނޑި ގެއްލޭ ގޮތަށް ބަދަލުކުރެއްވީ ވެސް އެއީ ހައްލެއް ބޭނުންވާ ކަމަކަށް ވާތީ ކަމަށެވެ. އަދި އެ ބަދަލު ގެނައި ގޮތާ މެދު ހިޔާލު ތަފާތުވުން ހުއްޓަސް އެއީ ކުރަންޖެހިފައިވާ ކަމެއް ކަމަށް ވެސް ދިޔާނާ ވިދާޅުވި އެވެ.