ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓުގައި ވޯޓުލާ މަރުކަޒަށް ބޭނުންވާ ތަކެތި އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް ފަށައިފި ކަމަށް އިލެކްޝަންސް ކޮމިޝަން، އިސީ އިން ބުނެފިއެވެ.
އީސީ އިން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނީ އަތޮޅުތަކުގައި ގާއިމުކުރާ 347 ވޯޓުލާ މަރުކަޒަށް ބޭނުންވާ ތަކެތި އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް މިއަދުން ފެށިގެން ކަނޑުމަގުންނާއި ވައިގެމަގުން ކުރިއަށްގެންދިއުމަށް ހަމަޖައްސާފައިވަ ކަމަށެވެ.
އެގޮތުން މިއަދު ވައިގެމަގުން ތަކެތި ފޮނުވުމަށް ހަމަޖައްސާފައިވަނީ ހއ،ރ،ތ،ލ،ގއ،ގދ،ސ.އަތޮޅު، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީއަށް ކަމަށާއި، ކަނޑުމަގުން ތަކެތި ފޮނުވާނީ ހދ،ށ،ނ،ބ،ޅ،އއ،އދ،ވ،މ،ފ އަދި ދ އަތޮޅަށް ކަމަށް ބުނެއެވެ. އަދި ކ އަތޮޅުގެ ރަށްތަކަށް ތަކެތި ފޮނުވުމަށް ހަމަޖައްސާފައިވަނީ މާރިޗު 30 އަދި 31 ގައެވެ.
އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖައްސާފއިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ މަސައްކަތަށް ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދަނީ އެކޮމިޝަނުގެ މުވައްޒަފުން ދިވެހި ފުލުހުންގެ އެހީތެރިކަމާއެކުގައެވެ.
އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖައްސާފއިވާ ވޯޓުގައި 294،876 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެއެވެ. އެއީ 150،370 ފިރިހެނުންނާއި 144506 އަންހެނުންނެވެ.
އެ އިންތިހާބުގައި ޖުމްލަ 588 ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އެގޮތުން މާލޭގައި 180 ފޮށި، ހުޅުމާލޭގައި 51 ފޮށި، ވިލިމާލޭގައި 9 ފޮށި އަދި އަތޮޅުތަކުގައި 322 ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން މި ފަހަރު ރިސޯޓުތަކުގައި 21 ވޯޓު ފޮއްޓާއި ޖަލުތަކުގައި 5 ވޯޓު ފޮށި ބެހެއްޓުމަށްވެސް އީސީން ވަނީ ނިންމާފައެވެ.