ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމަށް ގާނޫނުއަސާސީއަށް ގެންނަން އުޅޭ އިސްލާހަށް ރާއްޖޭގެ ވެރިކަން ކުރެއްވި ހުރިހާ ރައީސުން ތާއީދު ކުރެއްވުމަކީ އެއީ ގާނޫނު އަސާސީއަށް ގެންނަންޖެހޭ ކަމަށް ފެންނަ އިސްލާހެއް ކަމުގެ ދަލީލެއް ނޫން ކަމުގައި ކެންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

އަލީ ހުސައިން މިހެން ވިދާޅުވީ ރެފަރަންޑަމް ވޯޓާ ގުޅޭގޮތުން "ސިޔާސަތު ޚާއްސަ" ނަމުގައި ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުންނެވެ.

ގާނޫނީ ދާއިރާގެ އިސް ބޭފުޅުންގެ މެދުގައި ބޭއްވުނު ފޯރިގަދަ އެ ބަހުސްގައި ކުރީގެ ބަންޑާރަ ނައިބުން ކަމަށްވާ ދިޔާނާ ސައީދު އާއި އައިޝަތު އާޒިމާ ޝުކޫރުވެސް ވަނީ ބައިވެރިލައްވާފައެވެ.

އެ ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުން އަލީ ހުސަައިން ވިދާޅުވީ ދިވެހިރާއްޖޭގެ ރައީސްކަން ކުރެއްވި ހުރިހާ ބޭފުޅުން މި ބިލަށް ތާއީދު ކުރި ނަމަވެސް މި އސްލާހަކީ އަދި ރަނގަޅު އިސްލާހެއް ކަމުގައި ނުވަތަ ޤާނޫނީގޮތުން ކޮންމެހެން ގެންނަން ޖެހޭ އިސްލާހެއް ކަމުގެ ދަލީލެއް ނޫން ކަމަށެވެ.

އަލީ ހުސައިންގެ ވާހަކައިގައި ވަނީ މި އިސްލާހު ގެނެވުނީ އަވަސް އަރުވާލާފައި ރައްޔިތުންގެ މަޖިލިސް ޗުއްޓީގައި އޮތް އިރު ފާސްކޮށްގެން ކަމަށް ވިދާޅުވެފައެވެ.

"ރައީސް ނަޝީދު ތާއީދު ކުރެއްވިޔަސް ރައީސް ޞާލިހް ތާއީދު ކުރެއްވިޔަސް އަދި އެހެން ބޭފުޅަކު ތާއީދު ކުރެއްވިޔަސްވެސް އިނގޭތޯ ހަމަ އެގޮތަށް ކުރީގެ ބަންދާރަ ނައިބެއްގެ ވާހަކަ ވިދާޅުވީ މިހާރު ކުރީގެ ދެ ބަންޑާރަ ނައިބުން މި ތިއްބެވީ . ހުރިހާ ބަންޑާރަ ނައިބުން އެކަމަށް ތާއީދު ކުރި ނަމަވެސް އަޅުގަނޑު ދަންނަވާނީ އެއީ ކޮންމެހެން މީގެ ސަބަބުން ގާނޫނީ ގޮތުން އަދި ދުސްތޫރީ ގޮތުން އަޅުގަނޑުމެންނަށް ލިބޭނެ މަންފާއެއް ނުވަތަ މިކަންއެއީ ރަނގަޅުކަމެއްގެ ގޮތުގައި ދަލާލާތު ކޮށްދޭ ކަމެއް ނޫން. އަޅުގަނޑު ގަބޫލުކުރާގޮތުގައި ސަރުކާރު ޖަވާބުދާރީ ކުރެވޭނެ ނިޒާމެއް މި ޤާނޫނު އަސާސީން އެބައޮތް ކަނޑައަޅާފަ. އަޅުގަނޑު ގަބޫލުކުރާގޮތުގައި މި ޤާނޫނު އަސާސީއަށް އަދިއެއް ނުގެނެވޭ އަޅުގަނޑުމެން ގަބޫލުކުރާ ހަމަތަކާ އުސޫލުތަކުގެ ތެރެއިން ޤާނޫނުއަސާސީއަށް ގެނެވުނު އެއްވެސް އިސްލާހެއް. ފުރަތަމަ ކަމަކަށް މި އިސްލާހު ގެނެވުނީ އެއްދުވަހު ހުށަހަޅާފަ އޭގެ އަނެއް ދުވަހު ފާސްކުރީ ޖެހިގެން އައި ދުވަހު ނުވަތަ އެ ދެދުވަހުން ކުރެ ކޮންމެވެސް އެއްދުވަހަކު ކޮމިޓީ ބާއްވާފަ ކޮމިޓީން ފާސްކޮށްލާފަ އަވަސް އަރުވާލާފަ ފާސްކުރީ. ކޮން އިރަކުތޯ؟ ރައްޔިތުންގެ މަޖިލިސް ޗުއްޓީގަ އޮތް އިރު.އެހެންވީމަ ފުރަތަމަ ދުސްތޫރީގޮތުން ބަލާއިރު އިޖުރާއީ ގޮތުން މި ފާސްކުރި ގޮތްވެސް ހަގީގަތުގަ ރަނގަޅެއް ނޫން.ކަމަކުނުދޭ"

ވަކީލު އަލީ ހުސައިން

މިއީ ރިޔާސީ ނިޒާމެއް ކަމަށާއި ރިޔާސީ ނިޒާމެއްގެ އެންމެ އިސްކަންދޭންޖެހޭ މުހިންމު ކަމަކީ ރިޔާސީ އިންތިހާބު ކަމަށް އަލީ ހުސައިން ވަނީ ވިދާޅުވެފައެވެ.

އަދި ރިޔާސީ އިންތިހާބަކީ އާންމުކޮށް މީހުން ވަރަށް ފުންކޮށް ވިސްނާ އިންތިހާބެއް ކަމަށްވެސް އަލީ ހުސައިން ވަނީ ވިދާޅުވެފައެވެ.

އެގޮތުން މީހުން ފުންކޮށް ވިސްނަނީ އެއް އިންތިހާބެއް ބޭއްވުމުން ކަމަށާއި ފުންކޮށް ވިސްނަން ފުރުސަތު ލިބެނީވެސް އެއް އިންތިޚާބެއް ބޭއްވުމުން ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

މީގެ އިތުރުން އަލީ ހުސައިން ވިދާޅުވީ އެއް އިންތިޚާބު ބާއްވާފައި ހަމައެކަނި އެ އިންތިޚާބަށް ފޯކަސް ކުރުމުން އެ އިންތިޚާބުގެ މުހިންމުކަންވެސް ފެންނާނެ ކަމަށެވެ.