ދެ އިންތިޚާބު އެއްކޮށްގެން ޑިމޮކްރަސީގައި ހުރި އެއްވެސް މައްސަލައެއް ހައްލެއް ނުވާނެ ކަމަށް ދައުލަތުގެ ބަޖެޓު އެކުލަވައިލުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި, ކުރީގެ ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް ސަރުވަޝް އާދަމް ވިދާޅުވެއްޖެއެވެ.
ސަރުވަޝް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިހާބު އެކުގައި ބޭއްވުމާ ގުޅިގެން ސަރުކާރުން ނަގަން މަސައްކަތްކުރާ "ފެންނަ ނުފެންނަ ވޯޓާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ސަރުވަޝްގެ ޕޯސްޓުގައި ވިދާޅުވީ ރާއްޖޭގެ ޑިމޮކްރަސީގައި މައްސަލަތަކެއް އެބަހުރި ކަމަށާއި މަޖިލިސް އިންތިޚާބު، ރިޔާސީ އިންތިޚާބާ އިންވެގެން މާގިނަ ދުވަސްތަކެއް ފާއިތުނުވަނީސް ބޭއްވުމުން ފެންނަނީ ސަރުކާރު ހިންގާ ޕާޓީން ބޮޑު އަޣުލަބިއްޔަތު ހޯދާތަން ކަމަށެވެ.
އަދި ސަރުކާރު ޖަވާބުދާރީކުރުމުގެ ރޯލު ނިކަމެތިވެގެން ދާތަން ކަމާާށާއި ނަމަވެސް، ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމުންވެސް މި މައްސަލަތައް ހައްލުވާނެ ތަނެއް ނުފެނޭ ކަމަށް ސަރުވަޝް ވިދާޅުވިއެވެ.
ސަރުވަޝް ވިދާޅުވީ ދެ އިންތިޚާބު އެއްކުރުމަށް އޮތް އެންމެ ބޮޑު ހުއްޖަތަކީ ޚަރަދުތައް ކުޑަވުން ކަމަށާއި އިންތިޚާބުގެ އިދާރީ ޚަރަދާއި، ވަޢުދުތަކުން ސަރުކާރަށް އަންނަ އިންތިޚާބުގެ އިދާރީ ކުޑަކޮށް، އެފިޝަންޓް ކުރުމަކީ މުހިއްމު ކަމެއް ނަމަވެސް އެ ޚަރަދުން ކުޑަވާނެކަމަށް ފެންނަނީ ނިސްބަތުން ކުޑަމިންވަރެއް ކަމަށެވެ.
ދެ އިންތިޚާބަކަށް ދެ ފަހަރު ވަޢުދުވެ، މަޝްރޫޢު ހިންގައި އެހެނިހެން ޚަރަދުތައް ކުރަން ޖެހުމަކީ ދައުލަތުގެ މާލިއްޔާއަށް ބުރައަކަށްވާނަމަ، އޭގެ ހަގީގަތް ހޯދަން އިތުރަށް ފީނާލުން މުހިއްމުކަމަށް ސަރުވަޝް ވަނީ ވިދާޅުވެފައެވެ.
ވައުދުތަކާއި މަޝްރޫޢޫތައް ގިނަވެ، ހައްދު ފަހަނައަޅައިދަނީ ހަގީގަތުގައި އިންތިޚާބު ގިނަވެގެން ނޫން ކަމަށާއި ނަމަވެސް، ސަރުކާރުގެ މާލީ ޒިންމާދާރުކަން ކުޑަކަމާއި، ދައުލަތުގެ މާލީ ހާލަތަށް ފަރުވާލެއް ނެތުމުގެ ސަބަބުން ކަމަށް ސަރުވަޝް ވިދާޅުވިއެވެ
ސަރުކާރު ހިންގާ ޕާޓީއަށް ރައްޔިތުން ބޮޑުކޮށް އަޣުލަބިއްޔަތު ދޭ ސަބަބަކީވެސް ދާއިރާގައި މަޝްރޫޢު ހިންގައި، ގާތް މީހުންނަށް ވަޒީފާ ހޯދައި، ދައުލަތުގެ މާލިއްޔާގެ ބައެއް ދާއިރާއަށް، ރަށަށް، އާއިލާއަށް ތިމާއަށް ލިބޭނެ މަގެއް ހޯދުން ކަމަށްވެސަ ސަރުވަޝަ ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން، ޤާނޫނު ހެދުމާއި، ސަރުކާރާއި ވެރިން ޖަވާބުދާރީ ކުރުވާނެ ބައެއްގެ ބަދަލުގައި އަޅުގަނޑުމެން އިންތިޚާބުކުރަނީ "ބްރޯކަރުން" ތަކެއް ކަމަށާއި ބްރޯކަރ މެންބަރުންނާއި، ހަރުދަނާކަމެއް ނެތް މާލީ ނިޒާމެއްގެ ތެރޭގައި މަޝްރޫއާއި ވަޒީފާ އާއި ދައުލަތުގެ މުއްސަދިކަން ބަހާނީ ކަމަށްވެސް ސަރުވަޝް ވިދާޅުވިއެވެ.
އޭގެ މަންފާ އާއި ގެއްލުމާއި މާލީ ދުޅަހެޔޮކަމަށް ކުރާނެ އަސަރަކަށް ބެލުމެއް ނެތި އެހެންކަމުން، އިންތިޚާބީ ވައުދުތަކާ ގުޅިގެން އަންނަ ޚަރަދުތައް ކުޑަކުރުމަށްޓަކައި، އިންތިޚާބު އޮންނަ ދުވަސް ބަދަލުކުރުމުގެ ބަދަލުގައި، މާލީ އުސޫލުތައް ހަރުދަނާކުރަން ޖެހޭކަމަށް ސަރުވަޝް ވިދާޅުވިއެވެ.
ސަރުވަޝް ވިދާޅުވީ ޖަވާބުދާރީވުމުގެ ސިފަ އަށަގަންނުވަން ޖެހޭ ކަމަށާއި މިކަން ނުކޮށް ޚަރަދެއް ކުޑަކުރެވިދާނެކަމަކަށް ނުފެނޭ ކަމަށެވެ.
ރާއްޖޭގައި މިހާރުވެސް މި އޮތީ "ވައި ނޭޝަންސް ފެއިލް" (ޤައުމުތައް ފެއިލްވަނީ ކީއްވެ؟) ފޮތުގައި މުސައްނިފުން އެކްސްޓްރެކްޓިވް އިންސްޓިޓިއުޝަންތަކުގެ ގޮތުގައި ސިފަކުރާ، މަދު ބައެއްގެ އަތުގައި ބާރުތައް ޖަމާވެފައިވާ، އަދި ސިޔާސީ ބާރުވެރިކަން ފުޅާކުރުމަށް ދައުލަތުގެ ވަސީލަތްތައް ބަހާ، ވަކި ބަޔަކަށް މަންފާވާ ގޮތަށް ބައްޓަން ވަމުންދާ ނިޒާމެއް ކަމަށްވެސް ސަރުވަޝް ވިދާޅުވިއެވެ.
ހަމައެހެންމެ ސިޔާސީ ގޮތުންނާއި އިޤްތިސާދީ ގޮތުން ރައްޔިތުން ބާރުކުރުވާ، ޝާމިލުވާ ގޮތެއްގައި ފާގަތިކަން ބެހިގެންދާނެ ނިޒާމަކަށް ކަންކަން ބައްޓަންވާ ތަނެއް އަދި ނުފެނޭ ކަމަށާއި ޤައުމެއްގެ ފާގަތިކަން ކުރިއަރައި އެންމެންނަށް އެ ފާގަތިކަން އިހުސާސްވުމަށްޓަކައި، ސަރުކާރާއި ވެރިން ޖަވާބުދާރީ ކުރުވައި، ސިޔާސީ އިޤްތިސާދީ ބާރުވެރިކަމާއި ޝާމިލުވުން ރައްޔިތުންނަށް އޮންނަ އިންކްލޫސިވް އިންސްޓިޓިއުޝަންތައް ގާއިމުވާންޖެހޭ ކަމަށް ސަރުވަޝް ވިދާޅުވިއެވެ.
ބަޔާން ކުރި ފޮތުގައި އިންސާނީ ތާރީޚުން މިސާލު ދައްކައިދިން ހަގީގަތަކީ މިއީ ކަމަށާއި ދެ އިންތިޚާބު އެއްކުރުމަކުން މި ފަދަ ނަތީޖާއަކާ ހަމައަށް ނުދެވޭ ކަމަށްވެސް ސަރުވަޝް ވިދާޅުވިއެވެ.
ސަރުވަޝް ވަނީ ކަންކަން އިސްލާހުކުރަން ބޭނުންނަމަ، ދައުލަތް ހިންގުމުގައި ހުރި މައްސަލަތައް ރަނގަޅުކޮށް، އިންކްލޫސިވް އިންސްޓިޓުޝަންތައް ބިނާކުރުމަށް ފުރުސަތު ދޭން ޖެހޭކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ސަރުވަޝް ވިދާޅުވީ ދެ އިންތިޚާބު އެއްކޮށްގެން ރާއްޖޭގެ ޑިމޮކްރަސީގައި ނުވަތަ ސިޔާސަތު ކަނޑައަޅައި ޖަވާބުދާރީ ކުރުވުމުގައި ހުރި އެއްވެސް މައްސަލައެއް ހައްލުވާނެ ކަމަށް ނުފެނޭ ކަމަށްވެސް ސަރުވަޝް ވިދާޅުވިއެވެ.