މީސްމީޑިއާގެ އެކި މަންސަތަކުގައި މީހުންގެ އަމިއްލަ ޒާތީ ފޮޓޯއާއި ވީޑިއޯ ނަހަމަ ގޮތުގައި ބޭނުންކުރާ މައްސަލަތައް އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ.
ފުލުހުން ބުނީ މިފަދަ މައްސަލަތަކުގެ ތެރޭގައި، މީހުންގެ ޒާތީ މައުލޫމާތު އާންމުކުރާނެ ކަމަށް ބުނެ ބިރުދައްކައިގެން ފައިސާ ހޯދުމާއި، ރުހުމަކާ ނުލައި އެފަދަ ތަކެތި ފެތުރުމާއި ވިއްކުން ހިމެނޭ ކަމަށެވެ.
އަދި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން އުފައްދާފައިވާ، އަސްލެއް ނެތް ތަސްވީރުތަކާއި ވީޑިއޯތައް ބޭނުންކޮށްގެން މީހުންގެ އަބުރަށް ގެއްލުންވާފަދަ ތަކެތި އުފެއްދުމުގެ މައްސަލަތައް ވެސް ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މިފަދަ ގިނަ މައްސަލަތަކަކީ ދެމީހެއްގެ ދެމެދުގައި އޮންނަ ގާތް ގުޅުމެއްގެ ތެރެއިން އިތުބާރާއެކު ހިއްސާކޮށްފައިވާ މައުލޫމާތުތަކެއް، އެ ގުޅުން ކެނޑުމުން ބޭނުންކޮށްގެން ހިންގާ އަމަލުތަކެއްކަން ތަހުގީގުތަކުން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މިގޮތުން އަނެކާގެ އަބުރު ނަގާލުމަށާއި، ބިރުދެއްކުމަށާއި، ނުވަތަ މާލީ އަދި ޒާތީ މަންފާއެއް ހޯދުމަށް މިފަދަ ތަކެތި ބޭނުންކުރަމުންދާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މިއީ ބޮޑެތި ކުށްތަކެއްގެ ގޮތުގައި ބެލެވޭ އަމަލުތަކެއް ކަމަށާއި މިފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބޭ ފަރާތްތަކަށް ނަފްސާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބި، އަބުރަށް އުނިކަން އަންނަ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ވަކިން ހާއްސަކޮށް، އާއިލީ ގުޅުންތަކާއި އަމިއްލަ އަބުރުވެރިކަމަށް ބޮޑު އިސްކަމެއްދޭ ދިވެހި މުޖުތަމައެއްގައި މިފަދަ ކަންކަމުގެ ނުރައްކާ މާ ބޮޑުކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
މިފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތަކުގެ މައްސަލަތައް ފުލުހުން ތަހުގީގު ކުރަމުންދާއިރު، މިފަދަ ކުށްތަކުގެ ޝިކާރައަކަށް ވުމުން ރައްކާތެރިވުމަށްޓަކައި ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން އަމިއްލަ ޒާތީ ފޮޓޯއާއި ވީޑިއޯ އުފެއްދުމާއި، ރައްކާކުރުމާއި، އަދި އެހެން މީހުންނާ ހިއްސާކުރުމުން ދުރުހެލިވުމަށް ފުލުހުން އެދެއެވެ.
ހަމައެހެންމެ މައުލޫމާތެއް ނުވަތަ މަންޒަރެއް ހިއްސާކުރެވޭ ހިސާބުން، ތިމާގެ ބާރުގެ ދަށުން ނެއްޓި، ކޮޕީކޮށް، ރައްކާކޮށް ނުވަތަ އެހެން ފަރާތްތަކަށް ފެތުރިދާނެ އެއްޗެއްކަން ހަނދާނުގައި ބެހެއްޓުމާއި މިފަދަ ތަކެތި ފެތުރުމުގައި ބައިވެރިނުވުމާއި، އެފަދަ އަމަލުތަކަށް ހިތްވަރު ނުދިނުމާއި މިއީ ވެސް ކުށަކަށް ވެދާނެ ކަމެއްކަން ދަނެގަތުމަށް ފުލުހުން ވަނީ އެދިފައެވެ.
މީގެ އިތުރުން ޒާތީ މައުލޫމާތު ނުވަތަ މަންޒަރު ބޭނުންކޮށްގެން ބިރުދެއްކުން ފަދަ ކަމެއް ތިމާއަށް ދިމާވެއްޖެނަމަ، ލަސްނުކޮށް ފުލުހުންނަށް ރިޕޯޓުކުރަން ފުލުހުން އެދިފައި ވެއެވެ.
ޒާތީ މައުލޫމާތާއި މަންޒަރުތައް ބޭނުންކޮށްގެން ގާނޫނާ ހިލާފު ނާޖާއިޒު މަންފާ ހޯދާ ފަރާތްތަކުގެ މައްސަލަތައް ތަހުގީގުކޮށް، އެފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރާނެ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މީގެ އިތުރުން، އިޖުތިމާއީ މިންގަނޑުތަކާއި އަހުލާގު ނަގަހައްޓައި، އަނިޔާ ލިބޭ ފަރާތްތަކުގެ ކަރާމާތަށް އުނިކަންލިބި، އިތުރަށް ނިކަމެތިވާނެ ފަދަ އެންމެހައި އަމަލުތަކުން ދުރުހެލިވުމަށް އެންމެހައި ރައްޔިތުންނަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.