ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ގާއިމްކޮށްފައި ހުރި 704 ފްލެޓް އިމާރާތުގެ އާބާތުރަ ފިލުވުމާއި މަރާމާތުކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.
މި މަސައްކަތް ކުރަމުން އަންނަނީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިން އެންޑް އިންފްރާސްޓްރަކްޗާއާ އެޗްޑީސިއާ ދެމެދު މި މަހުގެ 24 ވަނަ ދުވަހު ވެފައިވާ އެއްބަސްވުމުގެ ދަށުންނެވެ.
އެގޮތުން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ގާއިމްކޮށްފައިވާ 704 ފްލެޓްތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތް ރަސްމީކޮށް އެޗްޑީސީއާ ހަވާލުކޮށްފައިވާކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
އެހެންކަމުން ފްލެޓުތަކުގެ އާބާތުރަ ފިލުވައި، މަރާމާތު ކުރުމުގެ އަމަލީ މަސައްކަތް، ކުރަމުން އަންނަކަން ފާހަގަކޮށް އެޗްޑީސީން ވަނީ މިއަދުން ފެށިގެން 704 ފްލެޓުތަކަށް ދިމާވާ މެއިންޓެނެންސްގެ މައްސަލަތައް ހައްލުކުރުމަށް އެ ކޯޕަރޭޝަނާ ގުޅިގެން މަސައްކަތް ކުރުމަށް އިލްތިމާސްކޮށްފަ އެވެ.
2018 ވަނަ އަހަރު މީހުން ދިރިއުޅެން ފެށި އެ ފްލެޓުތަކަކީ ޗައިނާ އެގްޒިމް ބޭންކުގެ ލޯންގެ އެހީގައި ހުޅުމާލޭގައި ތަރައްގީކޮށްފައިވާ 704 ފްލެޓެވެ.
އެ ފްލެޓުތަކުގެ މަސައްކަތްކޮށްފައިވަނީ ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަނުންނެވެ.