ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ގާނޫނީ ގޮތުން އެއްވެސް މައްސަލައެއް އަދި ނުފެންނަ ކަމަށް ކުރީގެ ބަންޑާރަނައިބު އަލްއުސްތާޛާ ޢާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

އާޒިމާ މިހެން ވިދާޅުވީ ރާއްޖޭގެ ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ.

އާޒިމާ ވިދާޅުވީ މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީގައި އިސްލާހުކުރަންޖެހޭ މުހިންމު ކަންތައްތަކެއް އެބަހުރި ކަމަށެވެ. ރާއްޖެއަށް ހަމަޖެހުމާއި ދެމިގެންދަނިވި ތަރައްގީ ލިބޭނީ ގާނޫނުއަސާސީގައި ހުރި މައްސަލަތައް ދެނެގަނެ، އެކަންކަން ހައްލުކުރެވިގެން ކަމަށާއި، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ސިޔާސީ އަދި އިގުތިސާދީ އިސްތިގުރާރަށް މަގުފަހިކުރާނެ އިސްލާހެއް ކަމަށް އާޒިމާ ސިފަކުރެއްވިއެވެ.

މިހާރު އޮތް ދުސްތޫރީ އޮނިގަނޑުގެ ސަބަބުން ރާއްޖެ އޮންނަނީ މެދުނުކެނޑި އިންތިހާބީ ވަށްބުރެއްގެ ތެރޭގައި ކަމަށް އާޒިމާ ފާހަގަކުރެއްވިއެވެ. ފަސް އަހަރުގެ ތެރޭގައި ބަހާލައިގެން ތިން އިންތިހާބު ބޭއްވުމަކީ ބޮޑު މައްސަލައެއް ކަމަށާއި، އިންތިހާބުތަކުގެ އަދަދު މަދުނުކޮށް، އިންތިހާބު ބާއްވާ ފަހަރުތައް މަދުކުރުމަކީ ރާއްޖެއަށް މުހިންމު ކަމެއް ކަމަށް އާޒިމާ ވިދާޅުވިއެވެ.

ދެ އިންތިހާބު އެކުގައި ބޭއްވުމުން ޑިމޮކްރަސީގެ އުސޫލުތަކަށް އުނިކަމެއް ނާންނާނެ ކަމަށްވެސް އާޒިމާ ވިދާޅުވިއެވެ. އާޒިމާ ވިދާޅުވި ގޮތުގައި ރައީސަކު އިންތިހާބު ކުރުމާއި މަޖިލިސް މެންބަރަކު އިންތިހާބު ކުރުމަށް ރައްޔިތުންނަށް ލިބޭ ބާރަށް އެއްވެސް ބަދަލެއް ނާންނާނެއެވެ. މަދުވަނީ ހަމައެކަނި ރައްޔިތުން ގާތުގައި ސުވާލު އަހާ ފަހަރުތައް ކަމަށް އާޒިމާ ވިދާޅުވިއެވެ.