ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ސަރުކާރު ޖަވާބުދާރީ ކުރުވާނެ މަޖިލީހެއް ލިބޭނެ ކަމަށް ކުރީގެ ބަންޑާރަ ނާއިބު ފާތިމަތު ދިޔާނާ ސަޢީދު ވިދާޅުވެއްޖެއެވެ.
ދިޔާނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުމގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެކުގައި ބޭއްވުމާ މެދު އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓަކަށް ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި"ފެންނަ ނުފެންނަ ވޯޓާ ގުޅޭގޮތުން ޕޮލިސީ އެމްވީން ރޭ ކުރިއަށް ގެންދިޔަ "ސިޔާސާތު ހާއްސަ" ފޯރަމުގައި ވާހަކަދައްކަވަމުންނެވެ. އެ ފޯރަމްގައި ވާހަކަދައްކަވަމުން ދިޔާނާ ވިދާޅުވީ ސަރުކާރުތަކަށް ސުޕަމެޖޯރިޓީ ލިބުމުން މަޖިލީހަށް ޖަވާބުދާރީ ނުކުރެވޭނެ ކަމަށެވެ.
އެގޮތުން ގާނޫނީ ދާއިރާގެ އިސް ބޭފުޅުންގެ މެދުގައި ބޭއްވުނު ފޯރިގަދަ އެ ބަހުސްގައި ކުރީގެ ބަންޑާރަ ނައިބުން ކަމަށްވާ ދިޔާނާ ސައީދު އާއި އައިޝަތު އާޒިމާ ޝުކޫރުވެސް ވަނީ ބައިވެރިލައްވާފައެވެ.
އެ ފޯރަމުގައި ވާހަކަދައްކަވަމުން ދިޔާނާ ވިދާޅުވީ މީގެ ކުރިން އެކި ހިޔާލުތަކުގެ ބޭފުޅުންނާއި ސިޔާސީ މަޝްރަހު ދިރާސާކުރާ ފަރާތްތަކަށްވެސް އިންތިހާބުތައް އެއްް ދުވަހެއްގައި ބާއްވަން ތާއީދުކުރައްވާފައި ވަނީ އެކަމުގެ ސަބަބުން ދުސްތޫރީ މަންފާތައް ލިބެންއޮތުމުން ކަމަށެވެ.
ނަމަވެސް ސަރުކާރުތަކަށް ސުޕަމެޖޯރިޓީ ލިބުމުން މަޖިލީހަށް ޖަވާބުދާރީ ނުކުރެވޭކަން ފާހަގަކުރައްވައި ދިޔާނާ ވިދާޅުވީ، ރިޔާސީ އިންތީހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ސަރުކާރު ޖަވާބުދާރީ ކުރުވާނެ މަޖިލީހެއް ލިބިގެންދާނެ ކަމަށެވެ.
އަދި މިހާރު 5 ފަަހަރަށް ސުޕްރީމް ކޯޓު ބަދަލުކުރެވިއްޖެ ކަމަށާއި ގާނޫނުއަސާސީވެސް އިސާހިތަކު ބަދަލުކުރެވުމުން މިއީ މިހާރު 8 ވަނަ އިސްލާހު ކަމަށް ދިޔާނާ ވިދާޅުވިއެވެ.
"އަދި މި ގާނޫނުއަސާސީއަށް ތަސައްރަފު ނުފުދޭ. އެހެންވީމަ ސުޕަމެޖޯރިޓީ މަޖިލީހަކީ ރަނގަޅު އެއްޗެއް ނޫންކަމަށް ބެލެވެނީ. ސުޕަމެޖޯރިޓީ މަޖިލީހެއް ނޫން އަޅުގަނޑުމެންނަށް ލިބެންވީ އެއްބާރު އަނެއްބާރުގެ މައްޗަށް ފާރަވެރިވާ ބެލެންސް މަޖިލީހެއް،" ދިޔާނާ ވިދާޅުވިއެވެ.
ދިޔާނާގެ އިތުރުން މާލީ ނިޒާމާއި ދައުލަތް ހިންގުމުގެ ދާއިރާއިން ކުރީގެ ބަންޑާރަނައިބު އާއިޝަތު އާޒިމާ ޝަކޫރު ވެސް ވަނީ މި ބަހުސްގައި ބައިވެރިވެވަޑައިގެންފައެވެ.
އާޒިމާ ފާހަގަ ކުރެއްވި ގޮތުގައި މިހާރުގެ އޮނިގަނޑުގައި ރައްޔިތުން އަބަދުވެސް އުޅެންޖެހިފައި ވަނީ އަބަދުވެސް އިންތިހާބެއްގެ ތެރޭގައި ކަމަށެވެ. އަދި އިންތިހާބުތައް މަދުވުމަކީ އޭގެ އަސަރު ޑިމޮކްރަސީއަށް ކުރާނެ ކަމެއް ނޫން ކަމަށް އާޒިމާ ވަނީ ވިދާޅުވެފައެވެ.
މި ބަހުސްގައި، ވަކީލު އަލީ ހުސައިން ވަނީ ދެ އިންތިހާބު އެއްކޮށްލުމުން ނުކުމެދާނެ ނޭދެވޭ ނަތީޖާތަކަށް އަލި އަޅުއްވާލައްވާފައެވެ.
ހަމައެހެންމެ ރާއްޖޭގެ މުއައްސަސާތަކުގެ މިހާރުގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވާ އަލީ ހުސެއިން ވިދާޅުވީ، އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރިއަށްގެންދާ ތަހުގީގުތައް އެކަށީގެންވާ ގޮތެއްގައި ނުހިނގާކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާއަށް ވެސް އިންސާފު ގާއިމުކޮށްދިނުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގެ ސިޔާސީ ނިޒާމު މިހާރު އޮތް ގޮތުން، ބާރުތައް ވަކިވެފައި އޮތުމުގެ މުހިންމުކަން އަލީ ހުސައިން ވަނީ ފާހަގަކުރައަވާފައެވެ.