ތިލަފުށީގައި ހުންނަ ހުސް ކޮންޓެއިނަރ ބަހައްޓާ ޖާގަ އިތުރުކޮށްފިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، (އެމްޕީއެލް) އިން ބުނީ މިއީ މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ކުރެވުނު މުހިންމު މަސައްކަތެއް ކަމަށެވެ.

ތިލަފުށީގައި ޤާއިމްކުރެވުނު "އެމްޕްޓީ ކޮންޓޭނަރ ޑީޕޯ"ގެ މަސައްކަތް ނިންމައި، 2025 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުން ފެށިގެން މި ކުންފުނީގެ އޮޕަރޭޝަންސްތަކުގައި އެ ސަރަހައްދު ދަނީ ބޭނުންކުރަމުން ކަމަށް އެމްޕީއެލް އިން ބުނެއެވެ.

މި ވަގުތުވެސް އެ ސަރަހައްދުގައި ޖުމްލަ 1600 ޓީއީޔޫ އެބަހުރި ކަމަށާއި އެ ސަރަހައްދުގެ ޖާގަ ބޮޑުކުރުމުގެ ގޮތުން އެ ކުންފުނިން ވަނީ މިހާރު އިތުރު ސަރަހައްދެއްގެ ބިން އެއްވަރުކުރުމުގެ މަސައްކަތްތައް ފުރިހަމަކޮށްފައި ކަމަށް އެމްޕީއެލް އިން ހާމަކުރެެއެވެ.

އަދި އަލަށް ބިން އެއްވަރުކުރެވުނު ސަރަހައްދު ބޭނުންކުރަން ފެށުމުން، ޑީޕޯގެ ޖުމްލަ ކެޕޭސިޓީ 3000 ޓީ.އީ.ޔޫ އަށް މަތިވާނެ ކަމަށް އެމްޕީއެލް އިން ބުނެފައި ވެއެވެ.

މި ޑީޕޯ ބޭނުންކުރަން ފެށުމުން ޖާގައިގެ ދަތިކަމުގެ ސަބަބުން މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަރނޭޝަނަލް ޓަރމިނަލްގެ އޮޕަރޭޝަންސްތަކަށް ދިމާވެފައިވާ ދަތިތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބގެންދާނެ ކަމަށް އެމްޕީއެޕް އިން ބުނެފައި ވެއެވެ.

އެހެން ނަމަވެސް، ބަނދަރުގެ ޖާގައިގެ ދަތިކަމަކަށް ފުރިހަމަ ހައްލެއް ލިބޭނީ މިހާރު ރޭވިފައިވާ ގޮތަށް ތިލަފުއްޓަށް ބަނދަރު ބަދަލުކުރެވުމުންނެވެ.

ތިލަފުށީގައި ތަރައްޤީކުރުމަށް ރާވާފައިވާ ބަނދަރުގެ މަސައްކަތްތައްވެސް އެ ކުންފުނިން ދަނީ ބާރަށް ކުރިއަށް ގެންދަމުން ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

އެގޮތުން، ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ބިޔަ މަޝްރޫޢުގެ ފޭސް-1ގެ ޑިޒައިން އާއި ސާރވޭގެ މަސައްކަތްތައް ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ (ސީއެޗްއީސީ) އާ މި އަހަރުގެ ފެބްރުވަރީ މަހު ވަނީ ހަވާލުކޮށްފައެވެ.

ސީއެޗްއީސީއާ ހަވާލުކުރެވުނު މަސައްކަތްތަކުގެ ތެރެއިން ތިލަފުށީގައި ތަރައްޤީކުރާ އިންޓަރނޭޝަނަލް އަދި ޑޮމެސްޓިކް ކީ ވޯލްގެ ފުރަތަމަ ސަރވޭތައް މިހާރު ވަނީ ފުރިހަމަކޮށްފައެވެ.

މި ސަރވޭތައް ފުރިހަމަކޮށްފައިވާ ކަނޑައެޅިފައިވާ ތާވަލަށްވުރެ އަވަހަށެވެ. މިހާރު ކުރިއަށްދަނީ "ޖިއޯ ޓެކްނިކަލް" ސަރވޭގެ މަސައްކަތްތަކެވެ.

މީގެ އިތުރުން، ޔާޑާއި ޓަރމިނަލްގެ ލޭއައުޓާއި ޕްލޭނިންގ މަސައްކަތްތައް އެމްޕީއެލްގެ ޓީމުތަކުން ދަނީ ކުރިއަށް ގެންދަމުންނެވެ.

ދިވެހިރާއްޖޭގެ މައި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ އަދުގެ ސަރުކާރުގެ މުހިންމު އަމާޒެކެވެ. ރައީސުލްޖުމްހޫރިއްޔާ އިއްވެވި 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައިވެސް ތިލަފުއްޓަށް ބަނދަރު ބަދަލުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންގޮސް، 2027 ވަނަ އަހަރު ތިލަފުއްޓަށް ބަނދަރު ބަދަލުކުރައްވާނެ ކަަމަށް ވިދާޅުވުމެވެ.

އެމްޕީއެލް އިން ބުނީ އެ ކުންފުނީގެ އަމާޒަކީ 2027 ވަނަ އަހަރު ތިލަފުއްޓަށް ބަނދަރު ބަދަލުކޮށް، ޚިދުމަތް ދޭން ފެށުމެވެ.