މިއަހަރު މެދުތެރޭގައި ވިލިމާލޭގައި ތަރައްގީކުރާ ޓާޝަރީ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފަށާނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ބޭންކް އޮފް މޯލްޑިވްސްއިން ވިލިމާލޭގައި އިމާރާތް ކުރާ 300 ހައުސިން ޔުނިޓުގެ މަޝްރޫއުގެ ބިންގާ އެޅުމަށް އެރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މުއްތަލިބު ވިދާޅުވީ، ވިލިމާލޭގައި ތަރައްގީކުރާ ޓާޝަރީ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް މިއަހަރު ޖުލައި ނުވަތަ އޮގަސްޓު މަސްތެރޭ ފެށިގެންދާނެކަމަށެވެ.
ވިލިމާލޭގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް އިމާރާތްކޮށް ހިދުމަތް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅަކަށްވީއިރު، ވިލިމާލޭގައި ޓާޝަރީ ހޮސްޕިޓަލެއް ތަރައްގީކުރުމުގެ މަޝްރޫއު ރައީސް އިއުލާނުކުރެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހު ވިލިމާލޭގައި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ.
އެގޮތުން މި މަޝްރޫއުގެ ދަށުން ވިލިމާލޭގައި 112 އެނދުގެ މި ހޮސްޕިޓަލް ތަރައްގީކުރަނީ ޓާޝަރީ ފެންވަރަށެވެ. އަދި ހޮސްޕިޓަލް އިމާރާތްކުރަނީ 12،890 އަކަމީޓަރުގެ ސަރަހައްދެއްގައެވެ.
މި ހޮސްޕިޓަލުގައި އައުޓްޕޭޝަންޓް އަދި ކުއްލި ފަރުވާގެ ހިދުމަތްތަކާއި ބަލި ދެނެގަތުމަށާއި ފަރުވާ ދިނުމަށް ހާއްސަ ސަރަހައްދުތަކާއި މެޑިކަލް ވޯޑުތަކުގެ އިތުރުން އިދާރީ އޮފީސްތައް ހިމެނޭނެއެވެ. އަދި ޓާޝަރީ ފެންވަރުގެ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އެންމެހައި މެޑިކަލް އިކުއިޕްމަންޓާއި ފަރުނީޗަރުވެސް މި މަޝްރޫއުގެ ދަށުން ޗައިނާ ސަރުކާރުން ފޯރުކޮށްދޭނެއެވެ.
މި މަޝްރޫއުގެ މަސައްކަތްކުރުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފައިވަނީ މިދިޔަ ޖެނުއަރީމަސްތެރޭގައެވެ.