މިނިސްޓަރު މިހެން ވިދާޅުވީ ބީއެމްއެލް މެދުވެރިވެގެން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އާ ހަވާލުކޮށްގެން ވިލިމާލޭގައި ހަދާ 300 ހައުސިން ޔުނިޓްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބު ވިދާޅުވީ ރައްޔިތުންގެ އޮތް އެންމެ ބޮޑު ޝަކުވާއަކީ އާއިލާތައް ބޮޑުވެގެންދާއިރު ބޯހިޔާވަހިކަން ދަތިކަން ކަމަށެވެ.

މި މަހުގެ 10 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިލިމާލޭގެ ބައެއް ގޭގެއަށް ކުރެއްވި ޒިޔާރާތުގައި ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. މިގޮތުން އެ ޒިޔާރަތުން ފާހަގަވި ކަންތަކުގެ ތެރޭގައި ރައްޔިތުންގެ އޮތް އެންމެ ބޮޑު ޝަކުވާއަކީ އާއިލާތައް ބޮޑުވެގެންދާއިރު ބޯހިޔާވަހިކަން ނެތުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވަނީ ޗައިނާގެ ހިލޭ އެހީގައި ވިލިމާލޭގައި މަގު ހެދުމުގެ މަސައްކަތްތަކެއް ވެސް ކުރަމުން އަންނަ ކަމަށާއި އެއާ އެކު އެ ރަށުގެ ފެނާއި ނަރުދަމާ އަދި ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

ލޯނު ނަގައިގެން ގެ ހަދާފައި ވާއިރު ކުއްޔަށްދޭނެ ޖާގަ ނޯންނާނާތީ ލިބޭ މުސާރައިން ލޯނު ދައްކަން ޖެހޭތީ އެކަމުގެ ދަތި ކަމުގެ ވާހަކަ.މިއީ މި ރަށުގައި ދިރިއުޅޭ ރައްޔިތުން ތަހައްމަލު ކުރާ ހަމައެކަނި ދަތިކަމެއްނޫން.ދަރިވަރުން އޭލެވެލް ކިޔަވަން ދާންޖެހެނީ މާލެ ނޫނީ ހުޅުމާލެއަށް.ރަނގަޅު ސިއްހީ ފަރުވާ ހޯދަން ދާންޖެހެނީ މާލެއަށް.ކާން ބޯން މަސައްކަތް ކުރުމަށްދާންޖެހެނީ މާލެއަށް.ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަނީ މި ހަގީގަތް ބަދަލުކުރެއްވުމަށް ސަރުކާރުގެ ސިޔާސަތަށް ގިނަ ބަދަލުތަކެއް ގެންނަވާފަ ވިލިމާލޭގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް އެޅުމުގެ އަމަލީ މަސައްކަތް މާތް ﷲގެ ވާގިފުޅާއެކު މި އަހަރުގެ ޖުލައި ނުވަތަ އޮގަސްޓުގައި ފެށިގެންދާނެ.މާލޭގެ އެހެން އަވަށްތަކެކޭ އެއްގޮތަށް 10 ބުރިއަށް އިމާރާތްކުރުމުގެ ފުރުސަތު ވަނީ ފަހިކޮށްދެއްވާފައި. ޗައިނާގެ ހިލޭ ގައި ޒަމާނީ ފެންވަރަށް މަގުހެދުމަށްޓަކައި މަސައްކަތްތައް އެދަނީ ކުރިއަށް

މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބު

މުއްޠަލިބު ވިދާޅުވީ ދަރިވަރުން އޭލެވެލް ކިޔެވުމަށް ދާންޖެހެނީ މާލެ ނުވަތަ ހުޅުމާލެއަށް ކަމަށާއި ސިއްހީ ފަރުވާ ހޯދަންވެސް ދަތުރުކުރަންޖެހެނީ މާލެއަށް ކަމަށާއި ކާންބޯން މަސައްކަތްކުރުމަށް ވެސް ދާންޖެހެނީ މާލެއަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މި ފަސް އަހަރުގެ ދައުރު ނިމޭއިރު މާލެ އާއި ހުޅުމާލެއެކޭ އެއްފަދައިން ވިލިމާލެ ވެގެންދާނީ ފުރުސަތުތައް ތަނަވެސްވެފައި އޮތް ރަށަކަށް ކަމަށެވެ. އެގޮތުން ވަޒީފާ އާއި ތައުލީމީ ފުރުސަތުތަކާއި ރަނގަޅު ފެންވަރުގެ ސިއްހީ ނިޒާމަކާއި ދިރިއުޅުމުގެ ގިނަކަންކަން ހަމަޖެހިފައިވާ ތަނަކަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.