ދިވެހިރާއްޖޭގައި ކަންކަން ހަރުދަނާކޮށް، ދައުލަތް ހިންގުމުގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް ގެނައުމަށްޓަކައި ޤާނޫނުއަސާސީގެ 8 ވަނަ މާއްދާއަށް އިސްލާހު ގެނައުމަކީ މުހިންމު ކަމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ވީޓީވީގެ "ހޭލުން" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޤާސިމް ފާހަގަކުރެއްވި ގޮތުގައި، މި އިސްލާހަކީ އޭގެ ސަބަބުން ރާއްޖެއަށް ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމަށް ގަބޫލުކުރެވޭތީ ގެނައުމަށް މަސައްކަތްކުރާ ބަދަލެކެވެ.

ޚާއްޞަގޮތެއްގައި ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމަށް ހުށަހެޅިފައިވާ ހުށަހެޅުމަށް އަލިއަޅުއްވާލައްވަމުން ޤާސިމް ވިދާޅުވީ، ރާއްޖެއަށް ހެޔޮއެދޭ އަދި އިހްލާސްތެރި ވިސްނުމެއް ހުރި އެއްވެސް މީހަކު މި ބަދަލާ ދެކޮޅަށް ވޯޓު ނުދޭނެ ކަމަށެވެ. މިއީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށާއި، ސިޔާސީ ހަމަޖެހުން ގާއިމުކުރުމަށް ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

ހަމަ ނުޖެހޭ ވަރަށް ގިނަ ކަންތައް އެބަހުރި. އޭގެ ސަބަބުން އަޅުގަނޑުމެންގެ ލިބެންވީ ކުރިއެރުންތައް ނުލިބިދާކަށް... ކަމެއް ލިބުނީމަ އިނގޭނީ ނުވަތަ ޕްރެކްޓިސް ކުރަން ފެށީމާ އިނގޭނީނުވަތަ އަމަލުކުރަން ފެށީމަ އިނގޭނީ އުނިކަމާއި އުނދަގޫކަންކަން

ޤާސިމް އިބްރާހިމް

ޤާނޫނުއަސާސީއަށް އަމަލުކުރަން ފެށިތާ 17 ނުވަތަ 18 އަހަރު ވެގެންދާއިރު، އަމަލީ މައިދާނުގައި ކުރެވުނު ތަޖުރިބާތަކުގެ އަލީގައި އިސްލާހު ކުރަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަން ޤާސިމް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، މިހާރު ހުރި ބައެއް އުސޫލުތަކުގެ ސަބަބުން ޤައުމަށް ލިބެންވާ ކުރިއެރުންތަކަށް ހުރަސްއެޅެމުންދެއެވެ. "ކަމެއް ލިބުނީމާ ނުވަތަ ޕްރެކްޓިސް ކުރަން ފެށީމާ ނޫނީ އޭގައި ހުރި އުނިކަމާއި އުނދަގޫތަކެއް ނޭނގޭނެ،" ކަމަށް ވިދާޅުވެ، ޤާނޫނުއަސާސީއަކީ ޒަމާނާ އެއްގޮތަށް ތަރައްޤީކުރަންޖެހޭ އެއްޗެއްކަން އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ.

މީގެ އިތުރުން ޤާސިމް ވިދާޅުވީ، ޤައުމުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ލާބައަށްޓަކައި ގެންނަ މިފަދަ ބަދަލުތަކަކީ ހަމައެކަނި ސިޔާސީ ކަމެއްގެ ގޮތުގައި ނުދެކި، މުޅި ދައުލަތުގެ މަސްލަހަތު އިސްކޮށްގެން ނިންމަންޖެހޭ ނިންމުންތަކެއް ކަމަށެވެ.