ރަށްރަށުގައި އިތުރު ރަހުނަކާއި ނުލާ ގެދޮރުއެޅުމަށާއި މަރާމާތް ކުރުމަށް ތިންމިލިޔަން ރުފިޔާ ހަމަޔަށް ލޯނު ދޫކުރަން ވަނީ ފަށާފައިވާ ކަމަށް ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ވިލިމާލޭގައި އިމާރާތް ކުރާ 300 ހައުސިން ޔުނިޓުގެ މަޝްރޫޢުގެ ބިންގާ އެޅުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ، މި ބިޔަ މަޝްރޫއުގެ އިތުރުން ބީއެމްއެލްއިން ވަނީ މުޅި ރާއްޖޭގައި ގެދޮރު ވެރިކަމަށް މާލީ އެހީ ތެރިކަން ފައްސޭހައިން ލިބޭނެ ގޮތް ހެދުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައިވާކަމަށެވެ.

އެގޮތުން އެޕާޓްމެންޓެއް ގަތުމާއި ގެޔެއް ބިނާ ކުރުމަށް އަމިއްލައަށް ކުރަންޖެހޭ ހަރަދު 20% އިން 5% ދައްކޮށްފަވާކަން ވެސް ޝަރީފް ވަނީ ފާހަގަކުރައްވާފައެވެ.

2.1 ބިލިޔަނަށް ވުރެ ގިނަ ރުފިޔާގެ ލޯނާއި ފައިނޭސް މިދިޔަ އަހަރު ވަނީ މުޅިން އަލަށް ދޫކޮށްފަ. އަދި ހައުސިންގް މިނިސްޓްރީއާއި ގުޅިގެން ރާއްޖޭގައި އެންމެ ކުޑަ ރޭޓުގައި ހިޔާ ވެހި ފައިނޭސިންގްގެ ދަށުން ފައިނޭސް ދޫކޮށް ރަށްރަށުގައި އިތުރު ރަހުނަކާއި ނުލާ ގެދޮރުއެޅުމަށާއި މަރާމާތް ކުރުމަށް ތިންމިލިޔަން ރުފިޔާ ހަމަޔަށް ލޯނު ދޫކުރަން ވަނީ ފަށާފަ

ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް

އަދި މީގެ އިތުރުން 300 ހައުސިން ޔުނިޓުގެ މަޝްރޫޢުއަކީ ހުރިހާ ރައްޔިތުންނަށް ތަރައްޤީއާ ރައްކާތެރިކަން ކަށަވަރުކޮށްދީ ދިވެހީންނަށް ދިމާވެފައިވާ ބޯހިޔާ ވަހިކަމަށް ދާއިމީ ހައްލެއް ގެނެސްދީ އަގު ހެޔޮ ބޯހިޔާ ވަހިކަން ކަށަވަރުކޮށްދިނުމަށް ރައީސްގެންގުޅުއްވާ ސިޔާސަތުގެ އަލިގަދަ ހެއްކެއްކަމަށް ޝަރީފް ވިދާޅުވިއެވެ.

އިމާރާތް ކުރުމާއި ގެދޮރުވެރި ކަމާއި ބިނާރާ ބެހޭ ވުޒާރާއާއި ދަރުކާރުގެ ކަމާއި ބެހޭ ހުރިހާ އިދާރާތަކުން މި މަޝްރޫއު ހިންގެވުމަށް ދައްކާފައިވާ ހަލުވިކަމާއި އެންމެ ގުޅިގެން ކުރެއްވި މަސައްކަތަކީ ހަގީގުގަތުގައި ވެސް ނަމޫނާ މަސައްކަތްތަކެއް ކަން ވެސް ޝަރީފް ވަނީ ފާހަގަކުރައްވާފައެވެ.

އަދި މި މަޝްރޫއަކީ ކާމިޔާބު އަދި ނަތީޖާއެއް ނެރެވޭނެ މަޝްރޫއަކަށް ހެއްދެވުމަށް ސަރުކަރުން ދެމުންދާ އެހީތެރިކަމަށް ޝުކުރު ދައްނަވާފައެވެ.

ވިލިމާލޭގައި ތަރައްޤީކުރާ 300 ހައުސިން ޔުނިޓު އެޅުމަށް ޙަވާލުކޮށްފައިވަނީ، ރަޝީދު ކާޕެންޓަރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މި މަޝްރޫޢުގެ ދަށުން އެޅުމަށް ހަމަޖެހިފައިވަނީ 17 ފަންގިފިލާގެ 3 ޓަވަރެވެ. މި މަޝްރޫޢަކީ، ވިލިމާލޭގައި އިތުރުވަމުންދާ އާބާދީއަށް ވަރަށް މުހިންމު މަސައްކަތެއް ކަމަށް ސަރުކާރުން ޤަބޫލު ކުރައްވައެވެ.

އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ކުއްޔަކާ ނުލައި ދީފައިވާ ބިމުގައި އިމާރާތް ކުރާ މިޔުނިޓްތަކުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭ ނިންމައިލެވޭނެ ކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.